ހަބަރު

މައުމޫނާއި ނަޝީދު މަސައްކަތް ކުރަނީ އިގްތިސޯދު ފުނޑާލަން: ޝައިނީ

ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި މައުމޫން އަބްދުލް ގައްޔޫމް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ކުރިއަރައި ތަރައްގީވަމުން އަންނަ ރާއްޖޭގެ ތަރައްގީ އާއި އިގްތިސޯދު ފުނޑު ފުނޑު ކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައިނީ މިރޭ "އަވަސް" އަށް ވިދާޅުވީ، މައުމޫނާއި ނަޝީދުގެ އަމަލުތައް މިވަގު އަމާޒު ކުރައްވާފައި ވަނީ ގައުމަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެ ބޭފުޅުން މިހާރު މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އިގްތިސޯދު އިނދަ ޖައްސާލުމަށް ކަމަށެވެ.

"ހާއްސަކޮށް މިފަދަ އިންތިހާބެއް ބޯމަތިވެފައިވާ ދަނޑިވަޅެއްގައި ކުރީގެ ދެ ރައީސުން މަސައްކަތް ކުރައްވަމުން ގެންދަނީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސްދީފައިވާ އަދި ގެނެސްދެމުން އަންނަ ތަރައްގީ ހުއްޓުވާލަން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވަނީ ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ގެނެސްދޭ ތަރައްގީއަށް ހުރަސް ނޭޅުމަށް އެ ދެ ރައީސުންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ރާއްޖޭގެ އިސްތިގުލާލު ހިފެހެއްޓުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.

ޝައިނީ މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާފައިވާ ކުރީގެ ރައީސް މައުމޫން ގެންދަވަނީ ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ބަޔާންތައް ނެރުއްވަމުންނެވެ. އަދި ކުރީގެ ރައީސް ނަޝީދު ވެސް ގެންދަވަނީ ބޭރު ގައުމުތަކުގެ މީޑިއާއަށް ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިންޓަވިއުތައް ދެއްވަމުންނެެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެެވެ.