ހަބަރު

ދައުލަތުގެ ވަކީލަކަށް އިންޒާރު ދިން މައްސަލައެއް ބަލަނީ

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލަކަށް ކުރިމިނަލް ކޯޓުގެ ކޯޓު ރޫމް ތެރޭގައި އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި އެވެ. ޕީޖީ ވަކީލަށް އިންޒާރު ދީފައިވަނީ އިއްޔެ އެވެ.

ވަކީލަށް އިންޒާރު ދީފައިވަނީ ފޭރުނު މައްސަލައެއްގައި ދައުވާ ލިބޭ ދެ މީހުންނެވެ. އެމީހުން ވަނީ ވަކީލް މަގުމަތިން ފެނިއްޖެނަމަ "ހޭއަރުވާލާނެ" ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އެކަން ހިނގާފައިވަނީ މައްސަލާގައި ޝަރީއަތް ނިންމާލައި ގާޒީ ކޯޓު ރޫމް ތެރެއިން ނިކުންނަވަނިކޮށެވެ.

އެ އިންޒާރު ލިބުނު ޕީޖީގެ ވަކީލް ވިދާޅުވީ، އެ ދެ މީހުން ރުޅި އައީ ޕީޖީއިން އިތުރު ހެކިންގެ ހެކި ބަސް ނެގުމަށް އެ މައްސަލާގައި އެދެމުން ކަމަށެވެ. އެކަމާ އެ ދެ މީހުން ރުޅި އައިސް އިންޒާރު ދިނީ ކަމަށެވެ.

"އެމީހުން ވަރަށް ރުޅި އައިސްފަ ތިބީ، އެމީހުން އިންޒާރު ދިނީ ގާޒީ ކޯޓު ރޫމް ތެރެއިން ނިކުންނަ ވަނިކޮށް،" އެ ވަކީލް ވިދާޅުވި އެވެ.

އެ މައްސަލަ ވަނީ ޕީޖީ އޮފީހުންގެ ފަރާތުން ކުރިމިނަލް ކޯޓުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އެކަން މިހާރު ކުރިމިނަލް ކޯޓުން ބަލަމުންދާ ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް އަދި ފިޔަވަޅެއް އެޅިކަން އެނގިފައެއް ނުވެ އެވެ.

ކޯޓު ތެރޭގައި ގާޒީންނަށާއި ވަކީލުންނަށް ނުވަތަ ކޯޓު އޮފިސަރުންނަށް އިންޒާރު ދީފިނަމަ ދައުވާކުރުމެއް ނެތި އަދަބު ދެވޭނެ އެވެ. މީގެކުރިން ގާޒީންނަށް އިންޒާރު ދީގެން އެފަދަ އަދަބުތައް ދީފައިވެސްވެ އެވެ.