ހަބަރު

މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓް ފެއިލްކޮށްލާނަން: ނިހާން

Feb 23, 2017

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ފެއިލް ކޮށްލާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންއާ އެކު ޕީޕީއެމްގެ ޕީޖީ ގްރޫޕުން ރޭ ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު ވިލިމާލެ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވީ، މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ފެއިލްކޮށްލާނެ ކަމަށާއި އެކަން ކާމިޔާބު ކުރަން ޕީޕީއެމްގެ ޕީޖީ އިން ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

މިދިޔަ އަހަރު ތެރޭގައި ވެސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު މެންބަރުން މަސައްކަތް ކުރެއްވި އެވެ. އަދި އެކަމުގެ އިސްކޮށް އުޅުއްވީ، ޕީޕީއެމް ދެފަޅިވެ ޕާޓީގެ ރައީސް މައުމޫން ފަޅިއަށް ތާއީދު ކުރެއްވި މެންބަރުން ކޮޅެކެވެ. އެކަމަކު އެފަހަރު ވެސް ކާމިޔާބެއް ނުވި އެވެ.

ރޭ ރައީސްއާ އެކު ޕީޖީ އިން ބޭއްވި ހާއްސަ ބައްދަލުވުމުގެ އިތުރު މައުލޫމާތެއް ނިހާން ހިއްސާއެއް ނުކުރެއްވި އެވެ. މީގެ ކުރިން ވެސް ތަކުރާރުކޮށް ނިހާން ވިދާޅުވެފައި ވަނީ އިތުބާރުނެތް ކަމުގެ ވޯޓް ޕީޕީއެމްގެ ޕީޖީ އިން ފެއިލްކޮށްލާނެ ކަމަށެވެ. ރައްޔިތުން މަޖިލީހުގައި މިހާރު ހިނގާ އެންމެ މުހިންމު އެއް މައްސަލައަކީ، ސިގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރުމުގެ ބިލާއި ތައުލީމީ ދާއިރާގެ ބިލެވެ. އޭގެ ތެރެއިން ޑިއުޓީ ބޮޑުކުރުމުގެ ބިލްގެ މަސައްކަތް ކޮމިޓީ އިން ވަނީ ނިންމައިފަ އެވެ. އަދި ތައުލީމީ ބިލް ގެންދަނީ އިތުރަށް ދިރާސާ ކުރަމުންނެވެ.