ހަބަރު

ފިލްމް އެސޯސިއޭޝަނަށް އެޑްވައިޒަރީ ބޯޑެއް ހަމަޖައްސައިފި

Feb 23, 2017
3

ފިލްމީ ދާއިރާގެ ކަންކަން ތަރައްގީ ކުރަން އުފައްދާފައިވާ ގައުމީ ފިލްމް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ލަފާދިނުމަށް ތިން މެންބަރުންގެ އެޑްވައިޒަރީ ބޯޑެއް އެ ޖަމިއްޔާއިން ހަމަޖައްސައިފި އެވެ. މިއީ ފިލްމް އެސޯސިއޭޝަނަށް އެޑްވައިޒަރީ ބޯޑެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

އެ އެސޯސިއޭޝަންގެ ޗެއާޕާސަން، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިއަދު ވިދާޅުވި ގޮތުގައި ހިންގާ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ކޮމިޓީ އިން ނިންމާފައި ވަނީ، ފިލްމް އެސޯސިއޭޝަންގެ އެޑްވައިޒަރީ ބޯޑަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އަދި ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ހަމަޖެއްސުމަށެވެ.

މުހައްމާ ވިދާޅުވި ގޮތުގައި އެޑްވައިޒަރީ ބޯޑަށް އެ މެންބަރުން ހަމަޖެއްސީ ވަރަށް ގިނަ ބޭފުޅުންގެ ނަންތަކަށް ބެލުމަށް ފަހު ފިލްމް އެސޯސިއޭޝަން އިތުރަށް ވަރުގަދަކޮށް އެސޯސިއޭޝަނަށް އިތުރު ފުރުސަތުތައް ހޯދައިދެވޭނެ އެންމެ ގާބިލް ބޭފުޅުންނަކީ އެ މެންބަރުކަމުން ވާތީ އެވެ.

މުހައްމާ ވިދާޅުވި ގޮތުގައި، އެޑްވައިޒަރީ ބޯޑްގެ ލަފާގެ މަތިން ފިލްމީ ދާއިރާގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރެވިގެން ދާނެ އެވެ. އަދި އެ ދާއިރާ ކުރިއެރުވުމަށް ދާއިރާއިން ބޭރު ބަޔެއްގެ ހިޔާލާއި އެއްބާރުލުން އަދި އެހީތެރިކަން ލިބުމަކީ ފިލްމް އެސޯސިއޭޝަންގެ ހަރަކާތްތައް އިތުރުވެ ދާއިރާ އިތުރަށް މުއްސަދިވެގެންދާނެ ކަމެއް ކަމަށް ވެސް މުހައްމާ ފާހަގަ ކުރެއްވި އެވެ.

"މީގެ ސަބަބުން ފިލްމީ ދާއިރާއަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ. ހަރަކާތްތައް އިތުރު ކުރެވިގެންދާނެ. މިފަދަ އެޑްވައިޒަރީ ބޯޑެއް އޮތުމަކީ ފިލްމީ ދާއިރާ ތަރައްގީ ކުރަން އެޅޭ ރަނގަޅު ފިޔަވަޅެއް. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެޑްވައިޒަރީ ބޯޑްތައް ހެދިފައި ހުރޭ ދާއިރާއިން ބޭރު ފަރާތްތައް ހިމަނައިގެން ފުރުސަތުތައް ފަހި ކުރުމުގެ ގޮތުން،" މުހައްމާ ވިދާޅުވި އެވެ. "މީގެ ސަބަބުން ފިލްމީ ދާއިރާއަށް އިތުރު އާ ފުރުސަތުތައް ފަހިވެގެން ދާނެ،"

އެޑްވައިޒަރީ ބޯޑްގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އަންނަ ހަފްތާގައި ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ.