ހަބަރު

އެމަޖެންސީ އެންޓްރެންސްގެ މަސައްކަތް ލަސްވަނީ ހިދުމަތް ދޭތީ: އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ އެމަޖެންސީ އެންޓްރެންސްގެ މަސައްކަތް ނުނިމި ލަސްވަނީ އެ ހޮސްޕިޓަލުގެ އެމަޖެންސީ ބައިން މިހާރުވެސް ހިދުމަތް ދޭތީ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށާއި އަލުން އެމެޖެންސީ ހުޅުވާއިރު އެތަނުން ދޭ ހިދުމަތް މިހާރަށްވުރެ ބޮޑު ތަން އަވަސް ވާނެ ކަމަށެވެ.

"މިހާރުވެސް އެތަން ހަދަން އެމަޖެންސީ އޭނީ ކޮރިޑޯއަށް އަށް ބަދަލުކޮށްފައި. އެތަނުގައި ހިދުމަތް ދެމުންދާތީ އާ އެކީގައި ލަސްވަނީ މަސައްކަތް އެންމެ ގިނަވެގެން ވެސް ހަތަރެއް ނޫނީ ފަސް މަސް ދުވަހުގެ ތެރޭ ނިންމާލެވޭނެ،" މައުސޫމް ވިދާޅުވި އެވެ.

އަލުން ހުޅުވާއިރު އެ ސަރަހައްދު ޖާގައިގެ ގޮތުން ތަނަވަސްވެ ބަލި މީހުން ބަލާ ކޮޓަރީގެ އަދަދުވެސް އިތުރު ކުރާނެ އެވެ. އަދި ކުޑަކުދިން ކުޅެން ހާއްސަ ބައެއް ވެސް ގާއިމްކުރާނެ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުގެ އެހީ އާ އެކުގައި ކަމަށްވާތީ އެކަމަށް ހަރަދުވާ އަދަދު ބުނެފައެއް ނުވެއެވެ.

އައިޖީއެމްއެޗް އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމަށް އެ ހޮސްޕިޓަލުން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ދާއިރު، ދާދި ފަހުން ވަނީ އެ ހޮސްޕިޓަލްގެ ލެބޯޓްރީ ބޮޑުކޮށް ވެއިޓިން އޭރިއާ ވެސް ބޮޑުކޮށްފަ އެވެ. އަދި ހޮސްޕިޓަލްގެ ވޯޑުތަކުގައި މުށި ޖަހައި ފާހާނަތަކާއި ކޮޓަރިތައް ރީތި ކުރުމަށްފަހު މާބަނޑު މީހުންގެ ބައި ވަކިކޮށް، ވޯޑުތަކުގެ ތަރުތީބަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ކުރުމަށް އިންޑިއާގެ އެންޔޫ ހޮސްޕިޓަލާއި ގުޅިގެން ޔޫރޯ ރީނަލް ފާޓިލިޓީ ސެންޓަރެއް ގާއިމްކޮށް މިހާރު ދަނީ ހިދުމަތް ދެމުންނެވެ.