ހަބަރު

ކިންގްގެ ދަތުރަށް ހަ ދުވަސް، ތިން ރިސޯޓް، 1،500 އޮފިޝަލުން

Feb 23, 2017

ދުނިޔޭގެ އެންމެ މުއްސަދި އެއް ގައުމު، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަންނަ ހަފްތާ އޭޝިޔާގެ ފަސް ގައުމަކަށް ފައްޓަވާ ދަތުރުފުޅުގައި ރާއްޖެއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ގާތްގަނޑަކަށް 31 ދުވަސް ހޭދަވާ އެ ދަތުރުފުޅުގައި ރަސްގެފާނު ސަލްމާންގެ އެންމެ ފަހު މަންޒިލަކީ ރާއްޖެ އެވެ. ސައުދީ ވަލީ އަހުދު ނޫނީ ކްރައުން ޕްރިންސްގެ މަގާމުގައި ހުންނެވި އިރު، މީގެ ކުރިން ވެސް ރާއްޖޭގައި އަގުބޮޑު ޗުއްޓީއެއް ހޭދަ ކުރައްވާފައިވާ ސަލްމާން ރާއްޖޭގައި ހޭދަ ކުރާ ހަ ދުވަހުގެ ތެރެއިްނ ހަތަރު ދުވަސް ހޭދަ ކުރައްވާނީ އަގު ބޮޑު ޗުއްޓީއެއް ހޭދަކުރެއްވުމަށެވެ.

ރަސްގެފާނުގެ އަރިހުގައި މި ދަތުރުގައި ބައިވެރިވާ، އެމަނިކުފާނުގެ ކެބިނެޓްގެ 10 މިނިސްޓަރުންނާ އެކު، 1،500 އޮފިޝަލުން ރާއްޖޭގައި ތިބުމަށް ޓަކައި މިހާރު ވެސް ވަނީ މާލެ އަތޮޅުން ފަސް ތަރީގެ ތިން ރިސޯޓް އަންނަ މަހުގެ 18 އިން 31 ވަނަ ދުވަހާ ހަމަޔަށް އެކީ ބުކްކޮށްފަ އެވެ. އިތުބާރު ހުރި، ފަރާތްތަކުން ބުނާ ގޮތުގައި ރަސްގެފާނުގެ މި ބުކިންއަށް އެކަނިވެސް 10 މިލިއަން ޑޮލަރު މި ރިސޯޓްތަކަށް ހަރަދުކުރާނެ އެވެ.

މީގެ އިތުރުން، ރަސްގެފާނުގެ މިދަތުރުފުޅުގައި ފަސް މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ވެސް ބޭނުން ކުރައްވަ އެވެ. ސައުދީ އާއި ރާއްޖޭގެ ރަސްމީ ވާހަކަތަކެއް މި ދަތުރުފުޅުގައި އޮންނާނެ ކަން ފިޔަވައި ދަތުރުގެ އިތުރު މައުލޫމާތެއް އަދި ނޭނގެ އެވެ. ރަސްގެފާނު ރާއްޖޭގައި މި ހޭދަ ކުރައްވާ ޗުއްޓީ 27 ވަނަ ދުވަހު ނިންމަވާލެއްވުމަށް ފަހު، އެމަނިކުފާނު ދެން ފުރާވަޑައިގަންނަވާނީ ޖޯޑަންގައި އޮންނަ އަރަބި ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ސަލްމާން ރަސްކަމަށް އިސްވިފަހުން އެމަނިކުފާނު އޭޝިޔާގެ ގައުމުތަކަށް ކުރައްވާ އެންމެ ދިގު ދަތުރުފުޅު، އެމަނިކުފާނު ފައްޓަވާނީ މެލޭޝިޔާއިންނެވެ. އެ ގައުމުގައި ތިން ދުވަސް ހޭދަ ކުރެއްވުމަށް ފަހު، ދެން ވަޑައިގަންނަވާނީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިޔާއަށެވެ. އެ ގައުމުގެ މަޝްހޫރު ރިސޯޓް ރަށް ބާލީގައި ހޭދަ ކުރައްވާ ޗުއްޓީއާ އެކު، 12 ދުވަސް އެ ގައުމުގައި ހޭދަ ކުރައްވާނެ އެވެ. ރާއްޖެ ވަޑައިގަތުމުގެ ކުރިން ޗައިނާ އަދި ޗަޕާނަށް ޖުމްލަ ހަ ދުވަހުގެ ދަތުރުފުޅެއް ރަސްގެފާނު ކުރައްވާނެ އެވެ. މި ދަތުރުފުޅުގައި ސައުދީ އިން ވިޔަފާރީގެ ގިނަ އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށް ސައުދީ ގެޒެޓުން ބުނެ އެވެ. އެހެން ނަމަވެސް ތަފްސީލްތަކެއް އަދި ނުދެ އެވެ.

މިދަތުރުފުޅުގައި ސައުދީގެ ދެވަނައަށް އެންމެ ބާރުގަދަ އަދި ނުފޫޒު ގަދަ، ސަލްމާންގެ ދަރިކަލުން އަދި ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.