ވިޔަފާރި

ބީއެމްއެލްގެ ބްރާންޗްތަކުގެ އަދަދު 33 އަށް

Feb 23, 2017

ހއ ގެ ދެ ރަށެއްގައި ބީއެމްއެލް އިން މިއަދު ހުޅުވި ދެ ބްރާންޗްއާ އެކު އެ ބޭންކްގެ ބްރާންޗްތަކުގެ އަދަދު 33 އަށް އަރައިފި އެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ އާއި އެ ބޭންކްގެ އިސް މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެގެން ބޭއްވި ރަސްމިއްޔާތެއްގައި، މި ދެ ބްރާންޗް ހުޅުވާފައި ވަނީ، ހއ ގެ ހޯރަފުއްޓާއި އެ އަތޮޅު އިހަވަންދޫގަ އެވެ. އިހަވަންދޫގައި ހުޅުވި ބްރާންޗަކީ އެ ބޭންކުން 33 ވަނައަށް ގާއިމް ކުރި ބްރާންޗް އެވެ.

އެ ބްރާންޗް މެދުވެރިކޮށް 24 ގަޑިއިރުގެ އޭޓީއެމްގެ ހިދުމަތާއި، ބޭންކުން ދޭ އެހެނިހެން ހިދުމަތްތައް ރަސްމީގަނޑީގައި ލިބޭ ގޮތަށް ހުޅުވި މި ދެ ބްރާންޗް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވިދާޅުވީ، މި ހުޅުވުނު އާ ބްރާންޗްތައް މެދުވެރިކޮށް ހޯރަފުށި އަދި އިހަވަންދޫގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި ރަށުގެ އިގްތިސާދަށް ރަގަޅު ފައިދާއެއް ކުރެވުމަކީ ބީއެމްލްއަށް ލިބޭނެ އެންމެ ބޮޑު އުފާ ކަމަށެވެ. މި ދެ ބްރާންޗް ހުޅުވާފައި ވަނީ، ދާދި ފަހުން ބޭންކުން އިއުލާންކޮށްފައިވާ ރާއްޖޭގެ ރަށްތަކުގައި އިންވެސްޓްކުރާ މިންވަރު ދެގުނައަށް މަތިކުރުމަށް ފެށި ޕްރޮގްރާމްގެ ދަށުން ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލް އިން ނިންމާފާއި ވަނީ މިއަހަރުގެ ތެރޭގައި އެ ބޭންކުން ކުރާ އިންވެސްމަންޓް 300 މިލިއަން ރުފިޔާއަށް އިތުރުކޮށް، 150 އަށްވުރެ ގިނަ ވަޒީފާ އުފެއްދުމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 33 ބްރާންޗް، 80 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 22 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.