ހަބަރު

ކުންފުނިތަކުގެ ބޯޑްގެ 40 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަނީ

Feb 24, 2017
2

ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކުގެ ބޯޑު މެންބަރުންގެ 40 ޕަސެންޓަކީ އަންހެނުން ކަމުގައި ހަމަޖެއްސުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމް އިންތިޒާމް ކޮށްގެން ބޭއްވި، ހީވާގި ކަނބަލުން މައުރަޒު ފެށުމުގެ ގޮތުން މިރޭ ދަރުބާރުގެ ސަރަހައްދުގައި ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަނީ އަންހެނުންގެ ހައްގުތައް އެކަނބަލުން ހޯދައިދިނުމަށް އެކަނި ނޫން ކަމަށާއި އަންހެނުން ބާރުވެރި ކުރުވައި ހުރިހާ މައިދާނެއްގައި ވެސް އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތަކުގެ ދަށުން ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކުގެ ބޯޑްގެ 20 ޕަސެންޓަކީ މިހާރު ވެސް އަންހެނުން ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އަންހެނުންނަށް މަތީ މަގާމުތައް ނުފުރެންވީ އެއްވެސް ސަބަބެއް އޮތް ކަމަކަށް މި ސަރުކާރަކުން ގަބޫލެއް ނުކުރެ އެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ވަޒީފާގެ މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅެވިގެން ނުވާނޭ އަންހެން ބޭކަނަބަލުންނާއި ފިރިހެން ބޭކަނބަލުންގެ. އެހެންވީމާ ސަރުކާރުގެ މަތީމަގާމުތަކަށް އަންހެނުންނަށް ނާދެވެންވީ އެއްވެސް ސަަބަބެއް ނެތް. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ވެސް ސަރުކާރު ކުންފުނިތަކުގެ ބޯޑްގެ 20 ޕަސެންޓް އެވްރެޖްގޮތެއްގައި މިއޮތީ އަންހެނުންނަށް. މި ސަރުކާރުގެ އަޒުމަކީ މި ފަސް އަހަރު ނިމޭ އިރު އެ އަދަދު 40 އިންސައްތައަށް ޖެއްސުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ފިރިހެނުންނަށް ވުރެ އަންހެނުން މަތީ ތައުލީމީ އުގެނުމުގައި ކާމިޔާބު ހޯދަމުން އަންނަ ކަމަށެވެ. އެހެން ކަމަށްވާ އިރު މަތީ މަގާމުތަގުގަ އާއި އެކި ސިނާއަތްތައް ލީޑްކުރަން އަންހެނުންނަށް ފުރުސަތު ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އަންހެނުންގެ ބައިވެރިވުން އިގްތިސާދުގައި އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އަންހެނުން އުފައްދާ ތަކެތި ވިއްކޭނެ ރަނގަޅު އުސޫލުތަކެއް ވަނީ ހަމަޖައްސަން ޖެހިފަ އެވެ. އަދި އަންހެނުންގެ ފަންނުތައް ދިރުވައި އެފަދަ މަސައްކަތްތައް މިއަދުގެ ޒުވާނުންނަށް ދަސްކޮށްދީ އޭގެއިން އާމްދަނީ ހޯދުމަށް އަންހެން ކަނބަލުން އިސްނަގަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޒަމާނީ ޓެކްނޮލޮޖީއާ އެކު ދިވެހިންގެ މަސައްކަތްތެރިކަމާއި ހުނަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަސޭހަކަމާ އެކު މިހާރު ފަތުރާލެވިދާނެ އެވެ. އަދި އެފަދަ މަސައްކަތްތަކަކީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވިޔަފާރީގެ ރަނގަޅު ނަފާ ހޯދިދާނެ ކަންކަން ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

""ކުރީގައި އެތައް ދުވަހަކުން ކުރި ކަވި މަސައްކަތް މިއަދު މިއޮތީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެ ގެންނަން ބޭނުންވާ އެގްޒިބިޓަށް ގެނެވޭ ގޮތް ވެފައި. މިތަކެއްޗަށް އަޅުގަނޑުމެން މި ވަނީ ރަނގަޅު މާކެޓެއް ހޯދައިދޭން ޖެހިފައި،" ރައީސް ވިދާޅުވި އެވެ.

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ މި މައުރަޒުގައި، އަމިއްލަ ގޮތުން 400 އަށް ވުރެ އަންހެނުންނާއި، 200 އެއްހާ ކްލަބް ޖަމްއިއްޔާތަކުން ވަނީ 26.000 ތަކެތި ބައިވެރިކޮށްފަ އެވެ.

މިރޭގެ ހަފްލާގައި އެ އެކްސްޕޯގައި ތަކެތި ބައިވެރި ކުރި ފަރާތްތަކުގެ ތެރެއިން، ވަނަތަކަށް ހޮވުނު އުފެއްދުންތަކަށް ރައީސް ވަނީ އިނާމް ހަވާލުކޮށްދެއްވައިފަ އެވެ. އެގޮތުން، އެކްސްޕޯ އިން އެއް ވަނަ އަށް ހޮވުނު ގ. ލެމިނަ، އަމްސޫދާ ރަޝީދު އަށް ރައީސް ވަނީ ހަދާނީ ލިޔުމާއި، އިނާމުގެ ގޮތުގައި އެއް ލައްކަ ރުފިޔާ ލިބުނު ކަމުގެ ރަމްޒީ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ. އަދި ދެވަނަ އާއި ތިން ވަނައަށް ހޮވުނީ، މއ. ހައިވަކަރުގޭ ފާތިމަތު ލީނާ އަލީ އެވެ. ދެވަނަ އާއި ތިންވަނައަށް ދޭން ކަނޑައެޅި އިނާމަކީ ކޮންމެ ވަނައަކަށް 50،000 ރުފިޔާ އެވެ.