ކުޅިވަރު

ލެސްޓާގެ ކޯޗް ކަމުން ރަނިއޭރީ ވަކި ކޮށްފި

Feb 24, 2017
1

ރެލިގޭޓް ވުމުގެ ބިރު ކުރިމަތި ވެފައިވާ، އިނގިރޭސި ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީގެ ކޯޗް ކަމުން އިޓަލީގެ ކްލައުޑިއޯ ރަނިއޭރީ ވަކި ކޮށްފި އެވެ.

ރަނިއޭރީގެ ކޯޗް ކަމުގެ ދަށުން މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގް، ލެސްޓާ ހޯދި ނަމަވެސް ރެލިގޭޗަން ޒޯނާ އެޓީމާ ދެމެދު ހުރީ އެއް ޕޮއިންޓްގެ ހުރަހެވެ.

މިދިއަ ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެން، މިހާތަށް ލެސްޓާ އަށް އެއްވެސް މެޗަކުން މޮޅު ވެވިފައެއް ނުވެ އެވެ. އަދި އިނގިރޭސި އެންމެ ޓޮޕް ހަތަރު ޑިވިޝަންގެ ލީގްގައި، މިއަހަރު މިހާތަނަށް އެންމެ ލަނޑެއް ވެސް ކާމިޔާބު ނުކުރެވޭ ހަމަ އެކަނި ޓީމަކީ ލެސްޓާ އެވެ.

ގުރޫޕްގެ އެއް ވަަނއިގައި ލެސްޓާ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖު ފަހަނަ އަޅާއި ދެ ވަނަ ބުރަށް ދިޔަ ނަަމަވެސް، ބުދަ ދުވަހުގެ ރޭ ދެ ވަަނަ ބުރުގެ މެޗުގައި އެ ޓީމު ވަނީ 2-1 ން ސެވިއްޔާ އަތުން ބަލިވެފަ އެވެ.

މިދިޔަ އަހަރު ޕްރިމިއާ ލީގް ހޯދުމުން. ލެސްޓާ އިން ވަނީ ރަނިއޭރީގެ މުސާރަ ބޮޑުކޮށް، އޭނާގެ ކޮންޓްރެކްޓް ހަތަރު އަހަރަށް އިތުރު ކޮށްފަ އެވެ.

ނަމަވެސް ރޭ ކޯޗް ކަމުން، ވަކިކޮށް، ލެސްޓާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޓީމުގެ 133 އަހަރުވީ ތާރިޙް އެންމެ ކާމިޔާބު ކޯޗަކީ ރަނިއޭރީ ކަން އެ ކުލަބުން އަބަދުވެސް ހަނދާން ކުރާނެ ކަމަށާއި ނަމަވެސް ޑޮމެސްޓިކް ލީގާއި ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު ޓީމަަށް މިހާރު ކުރިމަތި ވެފައިވާ ކަމަށެވެ.

ލެސްޓާ އަށް ދެން އެންމެ އަވަހަށް މެޗެއް އޮތީ އަންނަ ހޯމަ ދުވަހުގެ ރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. ކޯޗަކު ހަމަ ޖައްސަން ދެން، ޓީމު ތައްޔާރު ކުރުމާއި ޕްރެކްޓިސް ސެޝަންތައް ކުރިއަށް ގެންދަނީ، އެސިސްޓެންޓް ކޯޗް ކްރޭގް ޝެކްސްފިއާ އާއި އަދި ގޯލް ކީޕިން ކޯޗް މައިކް ސްޓޯވެލްގެ ބެލުމުގެ ދަށުން ނެވެ.