ދުނިޔެ

ގެއްލިފައިވާ މެމްބަރުން ހޯދަން އެމެރިކާ މީހުން އަތްފުނާ އަޅަނީ

Feb 24, 2017

އެމެރިކާގެ ކޮންގްރެސްގެ ބައެއް މެމްބަރުންނަކީ ގެއްލިގެން ހޯދައި ނުފެނިފައިވާ ބައެއް ކަމަށް ގަބޫލުކުރަން އެމެރިކާގެ ބައެއް މީހުން ބޭނުންވެ އެވެ. އެގޮތަށް މެމްބަރުން ގެއްލުމުގެ ހިތްހަމަ ނުޖެހުން ފާޅުކުރަން އެމީހުން ވަނީ ވަރަށް އުފެއްދުންތެރި ގޮތްތައް އިހުތިޔާރުކޮށްފައެވެ.

އެދާއިރާއަކުން ކޮންގްރެސްއަށް އިންތިހާބުވާ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް " ޓައުން ހޯލް މީޓިން" ބޭއްވުމަކީ އެމެރިކާގެ ކޮންގްރެސް މެމްބަރުން ގަވައިދުން ކުރާ ކަމެކެވެ. އެފަދަ ބައްދަލުވުންތައް ފަހަކަށް އައިސް ވަނީ ވަރަށް ހޫނުވެފައެވެ. ޔުޓާ ސްޓޭޓް ތަމްސީލުކުރައްވާ މެމްބަރު ޖޭސަން ޗެފޭޒްއާއި އަޔޮވާ ތަމްސީލުކުރައްވާ މެމްބަރު ޗަކް ގްރާސްލީ އެންމެ ފަހުން ބޭއްވެވި އެފަދަ ބައްދަލުވުންތައް ވަރަށް ބޮޑަށް ހޫނުވިއެވެ. އެ ބައްދަލުވުންތަކުގައި ހިނގި ޒުވާބުތަކުގެ ވީޑިއޯތައް އިންޓަނެޓްގައި ވައިރަލް ވިއެވެ.

އެ ވީޑިއޯތައް އިންޓަނެޓްގައި ބާރަށް ފެތުރި މަޝްހޫރުވުމުން ގިނަ މެމްބަރުން ވަނީ އެފަދަ ބައްދަލުވުންތައް ބޭއްވުން ހުއްޓާލާފައެވެ.
މެމްބަރުން ގެއްލިގެން ހޯދަން ދާއިރާތަކުގެ މީހުން ނުކުރީ އެހިސާބުންނެވެ. ގެއްލިގެން ހޯދަމުންދާ އެއް މެމްބަރަކީ ކެލިފޯނިއާ ތަމްސީލުކުރައްވާ ޕައުލް ކުކް އެވެ.

އޭނާ ހޯދަން ދާއިރާގެ މީހުން ވަނީ " ގެއްލިގެން ހޯދައި ނުފެނިފައިވާ" ކަން އަންގައިދޭ ޕޯސްޓަރުތައް ހަދާފައެވެ. އެފަދަ ޕޯސްޓަރުތައް ތަތްކުރީ ފާރުތަކުގައެއް ނޫނެވެ. ފިހާރަތަކުގެ ހަރުތަކުގައިވާ ކިރު ޕެކެޓްތަކުގައި ވެސް ޕޯސްޓަރުތައް ވަނީ ތަތްކޮށްފައެވެ. އަދި އެތަކެތި ފޮޓޯ ނަގައި، އެކަމަށް ހާއްސަކޮށް ހިންގާ ޓްވިޓާ ހޭންޑްލް އަކުން ވަނީ ފަތުރާފައެވެ.

ޕައުލް ކުކް ހޯދުމަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކުގެ ތެރެއިން އެއް ޕޯސްޓަރެއްގައި ލިޔެފައި ވަނީ " ގެއްލިގެން ހޯދާ 73 އަހަރުގެ ފިރިހެނެއް. ކާނަލްއަށް ޖަވާބުދޭ. ދާއިރާ މީހުން އެދުމުން ވެސް ޓައުން ހޯލް ( ބައްދަލުވުމެއް) ބޭއްވުމަށް ދެކޮޅު ހަދާ" މިހެންނެވެ.

ހޯދައި ނުފެނިފައިވާ ކެލިފޯނިއާގެ އަނެއް މެމްބަރަކީ ޑަރެލް އިއްސާއެވެ. އޭނާ ހޯދުމަށް ހަދާފައިވާ ޕޯސްޓަރުގައި ލިޔެފައި ވަނީ " އެންމެ ފަހުން ފެނިފައި ވަނީ ވޮޝިންޓަން ޑީސީގައި ޓްރަމްޕަށް ތާއީދުކުރަން ހުއްޓައި" މިހެންނެވެ.

އެމެރިކާ ޕާލަމެންޓްގެ ގިނަ މެމްބަރުންތަކެއް ގެއްލިގެން ހޯދަން ޕޯސްޓަރުތައް ހަރުކޮށްފައި ވާއިރު ޕާލަމެންޓްގެ ރައީސް ހޯދަން ވެސް ވަނީ ބޮޑު ޕޯސްޓަރެއް ހަރުކޮށްފައެވެ. އޭނާ ދިރިއުޅުއްވާ ސަރަހައްދުގައި ހަރުކޮށްފައިވާ އެ ޕޯސްޓަރުގައި ލިޔެފައި ވަނީ " އަހަރެމެންނަށް ފިލަން ދުވުން ހުއްޓާލާ. ޓައުން ހޯލް އެއް ބާއްވާ" މިހެންނެވެ.

އެމެރިކާ ޕާލަމެންޓް މެމްބަރުންތައް ގެއްލިގެން މިއުޅެނީ ރައީސް ކަމަށް ޓްރަމްޕް ވަޑައިގެންނެވުމުންނެވެ. ޓްރަމްޕް ބޭނުންވާ ގޮތް ގޮތަށް ކަންތައްތައް ބަދަލުކުރަން ބޭނުންނުވާ ، ދާއިރާ ތަކުގެ ރައްޔިތުން ބޭނުންވަނީ މެމްބަރުންނާ ބައްދަލުކުރާށެވެ.