ހަބަރު

ރާއްޖޭގެ ބައެއް ވިއްކާލާކަށް ނޫޅެން، މަޝްވަރާވެސް ނުކުރަން: ޝައިނީ

Feb 24, 2017
2
  • މަޝްރޫއުތައް ހިންގާނީ ދެ ފުށްފެންނަ ގޮތަށް
  • ރާއްޖޭގެ ބައެއް ވިއްކުމަކީ ކުރާނެ ކަމެއް ނޫން
  • ބިން ވިއްކޭނީ ގާނޫނެއް ހެދިގެން، އެފަދަ ގާނޫނެއް ނެތް

ރާއްޖޭގެ ބައެއް ވިއްކާލުމަށް ސަރުކާރު ވެސް އެއްވެސް ބަޔަކާ އެކުވެސް މަޝްވަރާ ނުކުރާ ކަމަށާއި ރާއްޖޭގެ ބައެއް ވިއްކާލަން ސަރުކާރުން މަސައްކަތެއްވެސް ނުކުރާ ކަމަށް، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރުކަމުގައި ވެސް ހުންނެވި، މިނިސްޓަރު ޝައިނީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވިދާޅުވީ، އެފަދަ އަސްލެއް ނެތް ވާހަކަތައް އިދިކޮޅު ފަރާތްތަކުން ފަތުރަމުން ދަނީ، ސިޔާސީ މަގުސަދުތަކެއް ހާސިލްކޮށް އެބޭފުޅުންނަށް ގެއްލިފައިވާ ރައްޔިތުންގެ ސަޕޯޓް އަނބުރާ ހޯދުމުގެ ގޮތުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިގޮތަށް ފަތުރާ ދޮގު ވާހަކަތައް ރައްޔިތުން ގާބުލުނުކުރާކަން ފާހަގަ ކުރައްވަމުން ޝައިނީ ވިދާޅުވީ، ފްރީހޯލްޑް އުސޫލުން ރާއްޖޭގެ ބިން ބޭރުގެ އިންވެސްޓަރުން ދެވޭނެ ގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްފައިވީ ނަމަވެސް، އެކަން ކުރެވޭނީ އެފަދަ މަޝްރޫއަކަށް ހާއްސަ ގާނޫނެއް ހެދިގެން ކަން އެ އިސްލާހުގައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ގާނޫނެއް އަދި ނެތި އެކަން ނުކުރެވޭނެކަން އިދިކޮޅު ފަރާތްތަކަށް ނޭނގުމަކީ އެ ފަރާތްތަކުގެ ގާބިލްކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"ސިޔާސީގޮތުން ވަކި މަގުސަދެއްގައި ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެއް އެއީ. ރާއްޖެއިން ބައެއް ބޭރުގެ ބަޔަކަށް ވިއްކާލުމަކީ ކުރެވޭނެ ކަމެއް ނޫން. ސަރުކާރުން އެފަދަ ކަމެއް ނުވަތަ އެފަދަ ފުރުސަތެއް ވެސް ނުދޭނެ،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމިންގެ އަމާޒު ހުންނެވީ ރާއްޖެއަށް ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ގެނެސް ގައުމު ތަރައްގީ ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް އެ ތަރައްގީ ގެނައުމުގައި، ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެންމެހާ އުސޫލުތަކަށް ސަރުކާރުން ތަބައަވާނެ ކަމަށާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ދިގު މުއްދަތުގައި ގައުމަށް ގެއްލުމެއް ކުރިމަތިވާނެ ގޮތަށް މި ސަރުކާރުން އެއްވެސް މަޝްރޫއެއް ނުހިންގާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބިން މިލްކް ކުރެވޭ ގޮތަށް ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ މަޖިލީހަށާއި . ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު އާންމު ކުރުމަށް ފަހު، ހަދަން ޖެހޭ ގާނޫނުތައް ހަދައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެފަދަ މަޝްރޫއަކަށް (ފްރީހޯލްޑިންގެ އުސޫލުން ބިން ދޫކުރުމުގެ މަޝްރޫއުތަކަށް، ހާއްސަކޮށްފައިވާ ވަކި ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭކަން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ނޭގުމަކީ އިދިކޮޅު ފަރާތްތަކުގެ ގާބިލް ކަމާ މެދު ސުވާލު އުފެދޭ ކަމެއް. އެފަދަ ގާނޫނެއްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ހިސާބުން އެމަޝްރޫއެއްގެ ހުރިހާ މައޫލޫމާތެއް ތަފްސީލުކޮށް މަޖިލީހަށާއި، ރައްޔިތުންނަށް ހާމަކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފ. އަތޮޅަށް އަމާޒުކޮށްގެން ސަރުކާރުން ހިިންގަން ރާވާފައިވާ ބިޔަ މަޝްރޫއާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަކީ އެ ސަރަހައްދުގެ އާބާދީ އިތުރުވެ، ރައްޔިތުންގެ އިޤްތިސާދީ ފުދުންތެރިކަން އިތުރުވެ ގިނަ ފަހި ފުރުސަތުތަކެއް ދިވެހިންނަށް ލިބިގެންދާނެ ގޮތަށް ހިންގާނެ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއު ވެސް އަދި އެހެން މަޝްރޫއުތައް ވެސް ސަރުކާރުން ހިންގާނީ ދެފުށް ފެންނަގޮތަށް، ރައްޔިތުންނަަށް އެނގިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.