ހަބަރު

ހިމަބިހި ވެކްސިން ޖެހުމުގެ ބިޔަ ޕްރޮގްރާމް އާދިއްތަ ދުވަހު ފަށަނީ

Feb 24, 2017
1

ރާއްޖެއަކީ މީސުލްސް ނޫނީ ހިމަބިހި ނައްތާލާފައިވާ ގައުމަކަށް ހެދުމުގެ ކުރާ މަސައްކަތުގެ ދަށުން އެ ބައްޔާ ދެކޮޅަށް ދޭ އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގްރާމް އަންނަ އާދިއްތަ ދުވަހު މުޅި ރާއްޖޭގައި ފަށަން ނިންމައިފި އެވެ.

މީސަލްސް އަދި ރުބެއްލާ ވެކްސިން އެއްކޮށްލައިގެން އެ ޕްރޮގްރާމްގައި ވެކްސިންދޭ އިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބުނީ، ވެކްސިން ޖެހުމުގެ ޕްރޮގްރާމް އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ. މި ކެމްޕޭން ރަސްމީކޮށް ފަށްޓަވައިދެއްވާނީ ރައީސް އަބްދުﷲ ޔާމީން އެވެ.

މި ކެމްޕޭނުގައި އުމުރުން 15 އަހަރާއި 25 އަހަރާއި ދެމެދުގެ ފަރާތްތަކަށް އެ ވެކްސިން ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި އުމުރުން އަށް އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިންވެސް ދެ ޑޯޒް ހަމަވެފައި ނުވާކަން ކަށަވަރު ނުވާ ނަމަ، މި ވެކްސިން ދޭން ވަނީ ނިންމައިފަ އެވެ.

"ސްކޫލްތަކާއި ގުޅިގެން އިންތިޒާމުތައް ހަމަޖައްސާފައިވަނީ މި ވެކްސިން ދޭނެ. އަތޮޅުތަކުގެ ހެލްތް ސެންޓަރުންތަކުން ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި،'' ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީގެ އޮފިޝަލް އިބްރާހީމް ނިޝާން އަހުމަދު ވިދާޅުވި އެވެ.

އެންމެ ފަހުން މީސަލްސްގެ ކޭސްއެއް ފެނިފައިވަނީ 2010 ވަނަ އަހަރު އެވެ. އަދި 2005 ވަނަ އަހަރަށް ފަހު ރޯގާއެއްގެ ގޮތުގައި އެބަލި ރާއްޖެ ފެތުރިފައެއް ނުވެ އެވެ. ވެކްސިން ޖަހައިގެން ނައްތާލެވޭ މި ބައްޔަކީ ނޭވާލާ ނިޒާމް މެދުވެރިކޮށް ފަސޭހައިން ގައިން ގަޔަށް އަރާ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.

ނިޝާން ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި ވެކްސިނޭޝަން ޕޮއިންޓުތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ 11 ސަރަހައްދެއްގައި ވެކްސިން ޖަހައިދޭ ޕޮއިންޓްތައް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އައިޖީއެމްއެޗްގެ އިތުރުން މާލޭގައި ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ ސެނަހިޔާ، ވެލާނާގެ، އެމްއެންޔޫ ބިޒްނަސް ސްކޫލް ނޯތް ހާބަރު، ރޯޝަނީ ބިލްޑިންގް، އެންޑީއެމްސީ، އޮލިމްޕަސް، ޔޫތް ސެންޓަރު، އާޓިފިޝަލް ބީޗް އަދި ރަސްފަނުގަ އެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ތިން ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެމްއާރް އައި ވެކްސިން ދޭން ފެށުމަށްފަހު 2007 ވަނަ އަހަރު މީގެ ދެވަނަ ޑޯޒެއް އެމްއެމްއާރް ގެ ނަމުގައި އަންނަނީ ދެމުންނެވެ. މި ވެކްސިންގެ ފުރަތަމަ ޑޯޒް ކަމަށްވާ އެމްއާރް ވެކްސިން ދެނީ ކުއްޖާގެ އުމުރުން ނުވަ މަހުގަ އެވެ. އަދި ދެވަނަ ޑޯޒު ދެނީ ކުއްޖާގެ އުމުުރުން 18 މަހުގަ އެވެ. ހެލްތު މިނިސްޓްރީން އިތުރަށް ބުނީ މީސަލްސްގެ ދެ ޑޯޒަށްވުރެ އިތުރަށް ޖެހި ނަމަވެސް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ.

ނަމަވެސް ވެކްސިންގައި ހިމެނޭ ބާވަތަކަށް އެލަރޖިކްވާ މީހުންނާއި، މާބަނޑު މީހުން އަދި ދިފާއީ ނިޒާމަށް އަސަރުކުރާފަދަ ބޭހެއް ބޭނުންކުރާ ފަރާތްތަކަށް (ކެންސަރަށް ބޭސްކުރުން، ސްޓެރޮއިޑް ވަރަށް މަތީ ޑޯޒްގައި ބޭނުންކުރާ ފަރާތްތައް) މި ވެކްސިން ބޭނުމެއް ނުކުރެވޭނެ އެވެ.

މި ސަރަހައްދުގައި އެންމެ ފުރަތަމަ މީސަލްސް ނައްތާލެވޭ ގައުމަކަށް ރާއްޖެ ހެދުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ފުރިހަމަ ނުވެ އޮތީ ހަމައެކަނި އާބާދީގެ 93 - 95 ޕަސަންޓު މީހުންނަށް މި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކޮށް އޮތުމެވެ. ރާއްޖޭން މި ބަލި ޖެހިފައިވާ މީހެއް ނުފެންނަތާ ތިން އަހަރު ވެފައިވާއިރު މި ބަލި ޖެހިފައި ހުރި ކަން ޝައްކު ކުރެވޭ މީހުން ދެނެގަނެ، ރިޕޯޓް ކުރުމުގެ ނިޒާމެއްވެސް ވަނީ ގާއިމްކޮށްފަ އެވެ.