ހަބަރު

އިންތިއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަނީ

Feb 25, 2017
2

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރާ މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މެމްބަރު އިމްތިޔާޒް އަށް މަރުގެ އިންޒާރު ދިން މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށާއި ފުލުހުން މިހާރު އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

އިމްތިޔާޒަށް މަރުގެ އިންޒާރު ދީފައިވަނީ ވައިބާ މެދުވެރިކޮށް ފޮނުވި މެސެޖަކުންނެވެ. އެ މެސެޖުގައި އޭނާ ގަޔަށް ވަޅި ހަރައި މަރާލާނެ ކަމަށްބުނެ އިންޒާރު ދީފައިވާ ކަމަށްވެ އެވެ. އިމްތިޔާޒްވަނީ އޭނާ އަށް އިންޒާރު ދިން ނަމްބަރު އާންމުކޮށްފަ އެވެ.

މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަރުގެ އިންޒާރު ދީފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ. އަދި ސެކިއުރިޓީ ބަލަހައްޓައިދެނީ އެކަމަށް އެދޭ މެމްބަރުންގެ އެވެ.