ހަބަރު

މާފުށި ޖަލު ވަށައިގެން ވަރުގަދަ ސެކިއުރިޓީ ފާރެއް ރާނަނީ

Mar 21, 2015
1

މާފުށީ ޖަލުގެ ސެކިއުރީޓީ ވަރުގަދަ ކުރުމުގެ ގޮތުން މުޅި ޖަލު ވަށައިގެން ޒަމާނީ ފެންވަރުގެ ފާރެއް ރޭނުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި އެވެ.

މިދިޔަ ހަފްތާ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މާފުށީ ޖަލުން ކުށްވެރިން ފިލުމުގެ ހާދިސާތަކާ ގުޅިގެން ޖަލުގެ ސަލާމަތީ ކަންކަމުގެ އޮޑިޓެއް ހަދައި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުން ޖަލުގެ ވަށައިގެން އިތުރު ފާރެއް ރާނައި އެ ފާރުގައި އެންމެ ފަހުގެ ސެކިއުރިޓީ އާލާތްތައް ހަރުމުގެ މަސައްކަތް ކުރަމަށް ރާވާފައިވާ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ފާރުގެ ސަބަބުން ޖަލުގެ ވަށައިގެން އެންމެ ފަހުގެ ޒަމާނީ ސެކިއުރީޓީއެއް ގާއިމްވެފައި ހުންނާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"އެ ފާރާ މީހުން ކައިރިވުމުން އެކަން އަންގައިދޭ އާލާތްތަކާއި މީހުންނަށް އެ ފާރަށް ނޭރޭނެ ގޮތަށް އެންމެ ފަހުގެ ޒަމާނީ ސަލާމަތީ ކަންކަން ގާއިމް ކުރެވޭނެ. އޭރުން ޖަލުގެ ވަށައިގެން އެ ލެވެނީ ވަރަށް ވަރުގަދަ ސެކިއުރިޓީ ފެންސެއް،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެ ފާރުރާނައި ނިމޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި އެ މަސައްކަތުގައި ޖަލުގައި ތިބޭ ގައިދީންގެ އެހީތެރިކަން ވެސް ހޯދަމުން އަންނަ ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް ގައިދީންގެ އެހީތެރިކަން ހޯދަނީ ކަމާ ބެހޭ އޮފިޝަލުންގެ ފުރިހަމަ ސްޕަވިޝަންގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ. އެ ފާރު ގާއިމް ކުރުމުން ޖަލުން ފިލުމަކީ ވަރަށް ނާދިރު ކަމަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް. މީގެ އިތުރުން ގާޑުންގެ ތަމްރީންތައް އިތުރު ކުރުމާއި އިންސްޕެކްޝަންތައް ވަރުގަދަ ކުރުން ފަދަ ކަންކަން އަޅުގަނޑުމެން މިހާރުވެސް ހުންނާނީ ކޮށްފައި،" އުމަރު ވިދާޅުވި އެވެ.

ތަފާތު އެކި ފަހަރުމަތިން މީހުން މެރުުމުގައި ބައިވެރިވެގެން ޖަލަށް ލާފައިވާ ޝަހުމް އާދަމް އާއި އެފަދަ ކުށްތައް އޮންނަ އެހެން ކުށްވެރިއަކު މިދިޔަ އަހަރު ވަނީ ޖަލުން ފިލައިފަ އެވެ. އެ މީހުން ހޯދީ ހަފްތާއެއް ވަންދެން ފުލުހުން މާލެ ތެރޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރޭގަ އެވެ. އެ ފަހަރު ޖަލުގެ ސަލާމަތީ ކަންތައްތަކާ މެދު ބޮޑެތި ސުވާލުތައް ކުރިމަތިވި އެވެ.