ހަބަރު

ބަޖެޓުގެ ހޭދަތައް އޭޕްރީލްގައި މަޖިލީހުން ބަލަނީ

ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް ދީފައިވާ ބަޖެޓުން ހޭދަ ކުރަމުންދާ ގޮތް ބެލުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހު ފަށާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވި އިރު، 2017 ވަނަ އަހަރުގެ ބަޖެޓު މަޖިލީހުގެ މާލިޔަތު ކޮމިޓީގައި ދިރާސާ ކުރަމުން ދިޔަ އިރު ސަރުކާރާއި އިދިކޮޅު މެންބަރުން ވަނީ ފިނޭންސް މިނިސްޓްރީ ހާޒިރުކޮށްގެން އަހަރުގެ މެދުތެރޭގައި ބަޖެޓުން ހާސިލް ކުރެވޭ މިންވަރު ބެލަން ޖެހޭ ކަމަށާއި އެއީ އެ ކޮމިޓީއެއްގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.

މާލިޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވީ ދައުލަތުގެ ބަޖެޓުން އިދާރާތަކަށް ހާސިލް ކުރެވުނު މިންވަރު ބެލުމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހާޒިރުކޮށް، ދިރާސާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެ މަސައްކަތް ފަށާނީ އަންނަ އޭޕްރިލް މަހުގައި ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރަށް 26.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު މުޅި ބަޖެޓު ވަނީ ދައުލަތުގެ އިސްރާފު ކުޑަ ކުރުމަށް އިސްކަންދީފައެވެ. ބަޖެޓު ދިރާސާކުރައްވި އިރު ގިނަ މުއައްސަސާތައް ވަނީ އެކަމަށް ފާޑުކިޔާ އިތުރު ފައިސާ ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ ބަޖެޓަށް ވުރެ އިތުރަށް ފައިސާ ބޭނުންވާ އިދާރާތަކަށް އެ ފައިސާ ހަމަޖައްސާދޭނެ ކަމަށެވެ. އެގޮތުން މަޖިލީހުން ބަޖެޓު ފާސްކޮށްފައި ވަނީ އެފަދަ އެއްވެސް ބަދަލަކާ ނުލައެވެ.