ކުޅިވަރު

ތައްޓާ ހަމަޔަށް ޗެލްސީ ދަނީ ތަށި ހޯދުމުގެ ތަޖުރިބާއިން

Feb 26, 2017

އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނައިގައި އޮވެ، ޗެލްސީއިން ތައްޓާ ހަމަޔަށް ދަތުރު ކުރަނީ، އެ ޓީމުގައި ތަށި ހޯދާފައިވާ ކުޅުންތެރިންގެ ތަޖުރިބާއިން ކަމަށް، ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ތިނެއް- އެކެއް ގެ ނަތީޖާއިން ސްވަންސީ ސިޓީއާ ދެކޮޅަށް، ރޭ ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އެއް ވަނައިގައި ލީޑް ކުރަމުން ދަނީ، 11 ޕޮއިންޓްގެ ލީޑަކާއެކު، ޖުމުލަ 63 ޕޮއިންޓް ހޯދައިގެން ނެވެ. ރޭ ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވެ، އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 12 ފަހަރު މޮޅުވެ، ކުރިން އެޓީމުގައި އޮންނަ ރެކޯޑާ އަރާ ހަމަ ކޮށްފަ އެވެ.

ޗެލްސީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަލިވީ ސީޒަންގެ ކުރީ ކޮޅު، ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހު ލިވަޕޫލް އަތުން، 2-1 ން ނެވެ. އޭގެ ފަހުން ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުން މޮޅު ވެފަ އެވެ. ކޮންޓޭ ބޭނުން ވަނީ، ސީޒަންގެ ބަކީ އޮތް ތިން މަހުގެ ނިޔަލަށް ވެސް އެ ރެކޯޑް އެގޮތުގައި ދަމަހައްޓާ ށެވެ.

"މުޅި ސީޒަންގައި، އެކަމަށް ފޯކަސް ކޮށްގެން ކުޅުމަކީ ފަސޭހަ ކަމެއް ނޫން، އެކަމަކު އަހަރެން އަތުގައި އެބަތިބި، ތަށި ހޯދާފައި ތިބި ބައިވަރު ކުޅުންތެރިން،" ކޮންޓޭ ބުންޏެވެ.

ޗެލްސީއަކީ، 2015 ވަނަ އަހަރު ޕްރިމިއާ ލީގް ޗެމްޕިއަން ކަން ހޯދި ޓީމެވެ. އޭގެ ފަހުންވެސް އެ ޓީމަށް މާބޮޑު ބަދަލެއް އައިސްފަ އެއް ނުވެއެވެ. އަދި އެ ޓީމަށް ގެނައި ކީ ކުޅުންތެރިން ކުޅުންތެރިންނަކީ، އެ ކުޅުންތެރިން މިދިޔަ ސީޒަންގައި ކުޅުނު ކުލަބު ތަކުގައި ލީގް ޗެމްޕިއަންކަން ހޯދި ކުޅުންތެރިން ނެވެ.

"އަހަރެންގެ މި ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ ޓޭބަލްގެ ޓޮޕްގައި މިގޮތުގައި ދަމަހައްޓައި ތަށި ހޯދާނެ ގޮތް، އެހެންވެ މި ސަބަބު އަހަރެން އަތުގައި އޮތީމަ އަހަންނަކީ ނަސީބު ރަނގަޅު މީހެއް، އަހަރެން މީ ނަސީބު ގަދަ މީހަކަށްވީ ކުރިން ތަށި ހޯދާފައިވާ ކުޅުންތެރިން އަހަރެން އަތުގައި ތިބުމުން،"

އޭނާ އިތުރަށް ބުނީ، ތާވަލުގެ އެއް ވަނައިގައި އޮތުން ޗެލްސީ އަށް ހައްގު ކަމަށާއި ކުޅުންތެރިން އެ ވަރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ އަތުގައި އޮތީ އެކަމަށް ހައްގު ސްކޮޑެއް ކަމަށްވެސް ކޮންޓޭ ބުންޏެވެ.