ދުނިޔެ

އިމްތިހާނުގައި ކޮޕީކޮށްގެން އިންޑިއާގައި 300 މީހަކު ހައްޔަރުކޮށް 750 ކުދިން ސްކޫލުން ކަނޑާލައިފި

Mar 22, 2015

އިންޑިއާގެ ބިހާރް ސްޓޭޓްގައި ދަރިވަރުން އިމްތިހާނު ހަދާއިރު ސުވާލުތަކުގެ ޖަވާބު ކޮޕީ ކުރުމާއި އިމްތިހާނުގައި ދަރިވަރުންނަށް ބެލެނިވެރިން އެކި ގޮތްގޮތުން އެހީވާ މަންޒަރު ފެންނަ އާދަޔާ ހިލާފް ފޮޓޯތައް އާންމުވުމާ އެކު މި މައްސަލާގައި އެތައް ބަޔަކު ހައްޔަރުކޮށް ގިނަ އަދަދެެއްގެ ދަރިވަރުން ސްކޫލްތަކުން ކަނޑާލައިފި އެވެ.

އިމްތިހާނުގައި ކޮޕީކުރާ މައްސަލާގައި ބިހާރް ސްޓޭޓްގެ ސަރުކާރުން ފިޔަވަޅު އަޅާފައި މި ވަނީ އިމްތިހާނު ހަދާއިރު ބެލެނިވެރިން ސްކޫލްގެ ކުޑަދޮރުތަކުން އަރައިގެން ތިބެ ދަރިވަރުންނަށް ޖަވާބުތައް ކިޔައިދީ އެހީވާތަން ފެންނަ ފޮޓޯތަކާ ގުޅިގެން ސަރުކާރަށް ބޮޑު ލަދަކާ ކުރިމަތިވެފައި ވަނިކޮށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނައީ ބެލެނިވެރިންނެވެ. މީގެ އިތުރުން 750 ދަރިވަރަކު ވަނީ ސްކޫލްތަކުން ވަކިކޮށްފަ އެވެ.

މި ލަދުވެތި ބޭޒާރަށް ފަހު ހަތަރު ސްކޫލެއްގައި ވަނީ ކުރިއަށް ހުރި އިމްތިހާނުތައް ކެންސަލް ވެސް ކޮށްފަ އެވެ. ކޮޕީ ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށް ބިހާރްގެ ޗީފް މިނިސްޓަރު ނިތިޝް ކުރާމް ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ މިއީ "މުޅި ސްޓޭޓްގެ މަންޒަރެއް ނޫން" ކަމަށެވެ.

ސްޓޭޓްގެ އެޑިއުކޭޝަން މިިނިސްޓަރު ޕީކޭ ޝާހީ ވިދާޅުވީ އިމްތިހާނު ހަދާއިރު ދަރިވަރުންނަށް އެހީވާން އުޅޭ މީހުން ވަރަށް ގިނަ ކަމަށާއި އެހެންވެ މައްސަލަ ހައްލުކުރަން ވަރަށް އުނދަގޫ ކަމަށެވެ.

"ކޮންމެ ދަރިވަރަަކަށް ތިން ހަތަރު މީހުން ބުނެދޭ އިރު، އިމްތިހާނުގައި ކޮޕީ ކުރުމަށް ހައެއް ނުވަތަ ހަތް މިލިއަން މީހުން އުޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަތިވަރުން އިމްތިހާނުގައި ކޮޕީ ކުރުން ހުއްޓުވުމަކީ ސަރުކާރުގެ އެކަނި ޒިންމާއެއް ނޫން ކަމަށެވެ. -- ބީބީސީ