ހަބަރު

ބަނގުރާ ވިއްކި މީހަކު ބަންދުން ވީއްލަން ކުރި އަމުރު ބާތިލްކޮށްފި

ބަނގުރާ ގެންގުޅުމާއި ވިއްކި ކަމުގެ ތުހުމަތުގައި ބަންދުކުރި މީހަކު ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ، ކަށިފަށުވިގޭ މުހައްމަދު ޝާރިހު އެވެ. އޭނާ ބަންދުކުރީ ބަނގުރާ ގެންގުޅުނު މައްސަލަ ތަހުގީގުކުރުމަށެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރެއް ނެރުނީ މައްސަލައިގެ ތަހުގީގު ނިމިފައިވާތީ އާއި ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ކަމަށް އަމުރުގައި ބުނެފައި ވެއެވެ. މި އަމުރު ނެރެފައި ވަނީ މިދިއަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ދަށު ކޯޓުގެ އެ އަމުރު ބާތިލު ކޮށްފައިވަނީ އަމުރު އިސްތިއުނާފުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅުމުންނެވެ. ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ ޝަރުއީ ނުވަތަ ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ކުރި އިސްތިއުނާފުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ތިން ނުކުތާއެއް ފާހަގަކުރި އެވެ.

ފުރަތަމަ ނުކުތާއަކީ ދަށު ކޯޓްގެ އަމުރަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު" ގެ ހަތް ވަނަ މާއްދާގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުސޫލަށް ރިއާޔަތް ނުކޮށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެފައިވެއެވެ.

އަދި ގާނޫނުއަސާސީގެ 134 ވަނަ މާއްދާގެ އަކުރު، (ރ) ގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުނަތަަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ނުރެއްވާފައިވާ އަމުރަކީ ހައިކޯޓުގެ ކުރީގެ ގަޒިއްޔާއެއްގައި ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކޮށް ނެރުނު އަމުރެއްކަމަށް ވެސް ބުނެފައި ވެއެވެ.

ހައިކޯޓުގެ މި ނިންމުން އާއިރު މައްސަލައިގެ ޝަރީއަތުގެ މަޖިލިހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާޢިދު" ގެ ހަތް ވަނަ މާއްދާގެ އަކުރު، (ހ) ގައި ބަޔާންކޮށްފައިވާ ފަސް ސަބަބުންކުރެ ސަބަބެއް އޮތްތޯ ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން އެ ގަވާއިދުގެ ހަތް ވަނަ މާއްދާގެ (ހ) އަށް ބަލައި، އެ މީހަކާމެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް، ނުވަތަ ފިލައިފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަނދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

މިއަމުރުގައި ހަވާލާދީފައިވާ ފުލުހުންގެ "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އަށް ބަލާއިރު، ޝާރިހު އާއި އިތުރު ދެ މީހަކު ލޯންޗެއްގައި އެމްއެމްއޭ ބިލްޑިން ކުރިމަތީ ޖެޓީއަށް ފޭބި މަންޒަރު ފުލުހުންނަށް ފެނިފައިވާކަން ފާހަގަކޮށްފައިވެއެވެ. މި ލޯންޗުން ބޭލި ތިން ފޮށީގެ ތެރެއިން އެއް ފޮށި ބަލައި ފާސް ކުރުކުރުމުން ނޫސް ކަރުދާސް އޮޅާފައިވާ ރޯޔަލް ބްލެންޑެޑް ސޮކޮޓިސް ވިސްކީ ބްރޭންޑްގެ ބަނގުރާކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް ހުރި 34 ފުޅިއާއި ހުސް ހަތަރު ފުޅި ފެނިފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އަދި މި މައްސަލައާއި ގުލިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތުހުމަތު އުފެދޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާކަން އެގެން އޮތުމާއެކު، މައްސަލައިގެ ބާވަތުން އޭނާ މުޖުތަމަޢަށް ދޫވެފައި ހުރުމަކީ އޭގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ބެލެވެން އޮންނާތީ، އޭނާ ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ކޮށްފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް އެއްބަސްވެވުނުކަން ވެސް ފާހަގަކޮށްފައި ވެއެވެ.