މަސްވެރިން

ލޭނު ބޯޓުތަކާހެދި މަސްވެރިކަމަކަށް ގެއްލުމެއް ނެތް: ޝައިނީ

ލޭނު ނުވަތަ ލޯންގް ލައިން މަސްވެރިކަން ކުރާ ބޯޓް ފަހަރުގެ ސަބަބުން ރާއްޖޭގެ މަސްވެރި ކަމަށް އެއްވެސް ގެއްލުމެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ހޮރައިޒަން ފިޝަރީޒްގެ މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުމުން އެކަން ފާހަގަ ކުރަން ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ލޭނު އަޅައިގެން ބާނާ މަހުގެ 80 ޕަސެންޓަކީ ލޯބޮޑު ކަންނެލި ކަމަށާއި އެއީ އަތު ނަނުގައި ބޭނޭ ވަރަށް ވުރެ އަޑީގައި އުޅޭ ބާވަތެއް ކަމަށެވެ. މިނިސްޓަރު އަދި ވިދާޅުވީ އެއީ ރާއްޖޭގައި އާއްމުކޮށް ކުރާ ކަންނެލީގެ މަސްވެރިކަމަކާ ގުޅުން ހުރި މަސްވެރިކަމެއް ނޫން ކަމަށެވެ.

"ލޯ ބޮޑު ކަންނެލި އުޅެނީ [ކަނޑުގެ] ގާތްގަނޑަކަށް ފަންސާހަކަށް މީޓަރު އަޑީގައި. އެއީ އަޅުގަނޑުމެން އަތު ނަނުގައި މި ބާނާ ކަންނެލި ބާނަން އަޑި އަށް ނަނު އެއްލާ ވަރުގެ [ކަނެއްޔެއް] ނޫން. ލޯންގް ލައިނުން ބާނާ ގާތް ގަނޑަކަށް 80 ޕަސެންޓަށް ވުރެ ގިނަ މަހަކީ ލޯ ބޮޑު ކަންނެލި. އަޅުގަނޑުމެން އަތު ނަނުގައި ބާނާ ކަންނެއްޔެއް ނޫން އެއީ. އެހެންވީމާ އެކަމަކަށް އެއްވެސް ބުރުލެއް ނާރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ލޭނު ބޯޓު ފަހަރަށް ހުއްދަ ދީފައި ވަނީ ރާއްޖޭގެ އައްސޭރިން ފެށިގެން 100 މޭލު ބޭރުގައި މަސްވެރިކަން ކުރުމަށެވެ. އެއަށް ވުރެ ގޮނޑުދޮށުން މަސްވެރިކަން ކޮށްފި ނަމަ ފިޔަވަޅު އަޅަ އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ މަސްވެރިކަން ކުރާ ކަމުގެ އެއްވެސް ޝަކުވާއެއް އޮވެއްޖެ ނަމަ މަސްވެރިން މިނިސްޓްރީއަށް އެ ޝަކުވާއެއް ހުށަހަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.

"... ވަރަށް ހަރުކަށި އަދަބުތައް ހުންނާނެ. މިހާތަނަށް އަޅުގަނޑުމެން ޖޫރިމަނާކޮށްފައި ހުރި އިރުގައި މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައި ހުންނާނީ. އެހެންވީމާ އެހާ ފަސޭހައިން ސަލާމަތް ވެގެން ދެވޭނެ ކަމެއް ނޫން އެއީ،" ޝައިނީ ވިދާޅުވި އެވެ.