ހަބަރު

ދެކުނުގެ ރަށްތަކުގައި ކާދު އުފައްދާނެ ސާމާނު ހޯދަން ހަވާލުކޮށްފި

އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅުގެ ބައެއް ރަށް ތަކަށް ކާދު ހަދަން ބޭނުންވާ ބައެއް ސާމާނު ގަންނަން ބަޔަކާ ހަވާލު ކޮށްފި ޢެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލު ކުރީ އެންޓްރާންސް ޕްރައިވެޓް ލިމިޓެޑް އާ އެވެ. މަސައްކަތު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓު މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. އަދި އެންޓްރާންސް ޕުރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ސައީދެވެ.

މި އެއްބަސްވުމުގެ ދަށުން ކާދު ހެދުމަށް ބޭނުންވާ ޑަސްބިނާއި ކޮމްޕޯސްޓިންގެ އިކުއިޕްމަންޓް ފޯރުކޮށް ދޭނެ އެވެ. މި ތަކެތި ފޯރުކޮށްދިނުމަށް ހަމަ ޖެހިފައިވާ ރަށް ތަަކަކީ އައްޑޫ ސިޓީގެ ހުޅުމީދޫ، ފުވައްމުލައް ސިޓީ، ގއ. މާމެންދޫ، ގއ. ކޮނޑޭ، ގދ. ހޯޑެއްދޫ، ގދ. ނަޑެއްލާ، ގދ. ފިޔޯރި، ގދ. ފަރެސްމާތޮޑާ، ގދ. ވާދޫ އަދި ގައްދޫއެވެ.

ހުޅުމީދޫ އަދި ފުވައްމުލައް ސިޓީ އަށް ކާދު ހެދުމަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމަށް ޖުމްލަ 695،688.65 ރުފިޔާ ހަރަދު ކުރަންވަނީ ހަމަޖެހިފަ އެވެ. އަދި ހުވަދު އަތޮޅުގެ ރަށްތަކަށް 849،250.68 ރުފިޔާ ހަރަދު ކުރަންވަނީ ހަމަޖެހިފަ އެވެ. އަދި މި ތަކެތި 32 ދުވަހުގެ ތެރޭގައި ފޯރުކޮށްދޭން ޖެހެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވޭސްޓްމެނޭޖް ކުރުމުގެ ޓާގެޓަށް ވާސިލް ވާން މިއަހަރު މަސައްކަތް ކުރާ ކަމަށެވެ. އަދި މިދިޔަ އަހަރުވެސް ރާއްޖޭގެ ގިނަ ރަށް ތަކެއްގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރުތައް ގާއިމް ކޮށްފައިވާ ކަމަށެވެ.

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާނު މިހާރުވެސް ގިނަ ރަށްތަކަށް ފޯރުކޮށް ދެމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މިއަދު ގެންނަން ހަވާލުކުރި ސާމާނު ތަކަކީ ފުވައްމުލަކުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންނަ ސާމާނު ތަކެކެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހުޅުމީދޫގައި މިހާރު ގާއިމް ކޮށްވިފައިވާ ސެންޓަރަށް ތަކެތި އިތުރަށް ހޯދަމުން ދާ ކަމަށާއި އައްޑު އަތޮޅު ގުޅިފައިވާ ރަށްތަކުގެ ކުނި މެނޭޖު ކުރުމަށް ބޭނުންވާ ސާމާނު ހޯދަމުންދާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ގުޅިފައުވާ ރަށްތަކުގެ ކުނި މެނޭޖުކުރާ ރީޖަނަލް ސެންޓަރުތަށް ހެދުމަށް ބެނުންވާ ޑިޒައިން ތައްޔާރު ކުރަމުން ދާކަމަށެވެ.