ވިޔަފާރި

އުރީދޫގެ އާ ޓެކްނޮލޮޖީތައް މޯބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލަނީ

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކޮންގްރެސް ކަމަށްވާ މޯބައިލް ވޯލްޑް ކޮންގްރެސްގެ މި އަހަރުގެ ކޮންގްރެސްގައި ގަތަރުގެ ބައިނަލްއަގްވާމީ ޓެލެކޮމް ކުންފުނި އުރީދޫއިން އެކުންފުނީގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދައްކާލަން ނިންމައިފި އެވެ. މި ކޮންގްރެސް ކުރިއަށް ގެންދާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ދެ އަކަށް ސްޕެއިން ގަ އެވެ.

އުރީދޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮންގްރެސްގައި އުރީދޫގެ 5ޖީ ނެޓްވޯކާއެކު މުޅިން އާ ފަސް ޓެކްނޮލޮޖީއެއް ދައްކާލާނެ ކަމަށެވެ. އެގޮތުން 4.5ޖީ އަދި 5ޖީ ނެޓްވޯކުގެ ސުޕަ ޓެކްނޮލޮޖީ ދައްކާލާނެ އެވެ. އަދި ކޮންގްރެސްގެ ބައިވެރިންނަށް އެ ހިދުމަތްތައް ބޭނުންކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"މި ކޮންގްރެސްގައި އުރީދޫއިން 4.5ޖީ އަދި 5ޖީ ނެޓްވޯކުގެ ސުޕަޓެކްނޮލޮޖީ ދައްކާލާނެ. އަދި މި ކޮންގްރެސް އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ. އުރީދޫ 5ޖީ އެނޭބަލްޑް ރޮބޮޓިކްސް އާއި، 5ޖީ ނެޓްވޯކުގެ އިންޓަނެޓާއި ވޮއިސް ކޯލް އަދި ޓެކްސްޓް މެސެޖިން ގެ ހިދުމަތް ބޭނުންކޮށްލާ ޓެސްޓް ކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެ" އުރީދޫގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އުރީދޫއިން ދައްކާލަން ހަމަޖެހިފައިވާ އަނެއް ހިދުމަތަކީ "އުރީދޫ ރެސްކިއު" ހިދުމަތެވެ. އެ ހިދުމަތަކީ ޑްރޯން އާއި ލައިވް ފީޑް މެދުވެރިކޮށް ކޯސްޓްގާޑަށް ރެސްޕޮންސް މިޝަންތައް ކުރިއަށް ގެންދެވޭ ހިދުމަތެކެވެ. މި ހިދުމަތްދޭން ކަނޑުގެ ސަރަހައްދުތައް ލައިވްކޮށް މޮނީޓާ ކުރެވޭ ކެމެރާތައް ހަރުކޮށްފައިވާ ބޮއެ ތަކެއް ބޭނުންކުރާނެ އެވެ.

"ޔޫ ކްލިކް، ވީ ކެއާ"ގެ ނަމުގައި ސިއްހީ ފަރުވާ ހޯދޭ އެޕެއްވެސް މި ކޮންގްރެސްގައި ދައްކާލާނެ އެވެ. އެގޮތުން އެޕް މެދުވެރިކޮށް ގިނަ ދުވަހަށް ދެމިގެންދާ ބޮޑެތި ބަލިތަކަށް ސިއްހީ މާހިރުން މެދުވެރިކޮށް ފަރުވާ ކުރެވޭނެ އެވެ.

މި ކޮންގްރެސްގައި އުރީދޫ އިން ވަނީ "އުރީދޫ ސްމާޓް ސްޓޭޑިއަމް" ވެސް ދައްކާލަން ނިންމާފަ އެވެ. މިއީ ޓެކްނޮލޮޖީ މެދުވެރިކޮށް ކުޅިވަރު ދަނޑުތައް ކޮންޓްރޯލްކޮށް މޮނީޓާ ކުރެވޭ ހިދުމަތެކެވެ. މި ޓެކްނޮލޮޖީގެ ދަށުން ސްޓޭޑިއަމްތަކުގެ ސެކިއުރިޓީ، ކަނެކްޓިވިޓީ، އައިޓެންޓިޓީ މެނޭޖްމެންޓް އަދި އެކްސެސް ކޮންޓްރޯލްގެ ކަންކަން ކުރިޔަށް ގެންދެވޭނެއެވެ. މީގެ އިތުރުން މި ކޮންގްރެސްގައި އުރީދޫ ސްމާޓް ސިޓީގެ ކަންކަން ދައްކާލަން އެކުންފުނިން ވަނީ ނިންމާފަ އެވެ.