ހޮލީވުޑް

އެމެރިކާ އަށް ނޭރުނަސް އީރާނުގެ ޑައިރެކްޓަރަށް އޮސްކާ

Feb 27, 2017
1

އީރާނުގެ މަޝްހޫރު ޑައިރެކްޓަރު އަސްގަރު ފަރްހާދީ އަކީ އޮސްކާއާ ބީރައްޓެހި ހުނަރުވެރިއެއް ނޫނެވެ. އޭނާ ވަނީ 2012 ވަނަ އަހަރުގެ އޮސްކާގައި ވެސް ބެސްޓް ފޮރިން ލެންގުއޭޖު ކެޓަގަރީން އެންމެ މޮޅު ފިލްމުގެ އެވޯޑް ހާސިލުކޮށްފަ އެވެ. އެއީ "އަ ސެޕަރޭޝަން" އިންނެވެ. އޭނާ މިފަހަރު މި ކެޓަގަރީގައި ވާދަކުރީ ތައުރީފު އޮހެމުން އަންނަ "ދަ ސޭލްސްމަން" އިންނެވެ.

ނަމަވެސް މި ނޮމިނޭޝަން ލިބުނުއިރު އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމާ ގުޅިގެން އެމެރިކާ އަށް ގޮސް އޮސްކާ ހަފުލާއާ ބައިވެރިވުމުގެ ދޮރު އޮތީ 44 އަހަރުގެ މި ޑައިރެކްޓަރަށް ބަންދުވެފަ އެވެ. އެއީ އޭނާ ނިސްބަތްވާ ގައުމު އީރާނުގެ ރައްޔިތުންނަށް ވެސް އެމެރިކާ އަށް ދަތުރުނުކުރެވޭ ގޮތަށް ޓްރަމްޓްގެ ސަރުކާރުން ހާއްސަ ގަރާރެއް ފާސްކޮށްފައިވުމުންނެވެ.

މި ދަތިކުރުމާ ގުޅިގެން އޮސްކާގައި ބައިވެރިވުމަށް ވިސާ ހޯދަން ޖެހޭ ޝަރުތުތައް ބަލައިނުގަނެ އަސްގަރު ވަނީ ފަހުން އޮސްކާ ހަފުލާ ބޮއިކޮޓްކޮށްފަ އެވެ. އޭނާ ފަހަތުން "ދަ ސޭލްސްމަން" ގެ އެހެން ތަރިން ވެސް ވަނީ މި ހަފުލާ ބޮއިކޮޓްކޮށްފަ އެވެ.

"ދަ ސޭލްސްމަން" އަށް އޮސްކާގެ ބެސްޓް ފޮރިން ލެންގުއޭޖު ފިލްމުގެ އެވޯޑް ލިބިފައިވާއިރު އެއް ބަޔަކު ބުނަނީ މިއީ ޓްރަމްޓްގެ ސިޔާސަތާ ދެކޮޅު ހެދުމަށް އޮސްކާގައި ވޯޓު ދީފައިވާ ފިލްމެއް ކަމަށެވެ. ސަބަބަކީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މި ކެޓަގަރީގައި ފެވަރިޓެއްގެ ގޮތުގައި އޮތީ ޖަރުމަނުގެ ފިލްމެއް ކަމަށްވާ "ޓޮނީ އާޑްމަން" އެވެ.

އެ ފިލްމާ އެކު ސްވިޑެންގެ "އަ މޭން ކޯލްޑް އޯވީ" އާއި އޮސްޓްރޭލިއާ އިން "ޓަންއާ" އަދި ޑެންމާކުން "ލޭންޑް އޮފް މައިން" ވެސް ފޮރިން ކެޓަގަރީގައި އެންމެ މޮޅު ފިލްމަށް ވާދަކުރި އެވެ.

ފަރުހާދީ އަކީ އޮސްކާ ހާސިލުކުރި އީރާނުގެ ފުރަތަމަ ޑައިރެކްޓަރެވެ. އެއީ 2012 ވަނަ އަހަރު "އަ ސެޕަރޭޝަން" އިންނެވެ. އެއަށް ފަހު އޭނާ މި ވަނީ އޮސްކާ ހާސިލުކުރި އީރާނުގެ ދެ ވަނަ ޑައިރެކްޓަރަށް ވެސްވެފަ އެވެ.

އޭނާގެ ފިލްމު "ދަ ސޭލްސްމަން" އަކީ ނިމިގެން ދިޔަ ކާންސް ފިލްމު ފެސްޓިވަލް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ހާސިލުކޮށްފިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައި ދެނީ މަޝްހޫރު ތިއޭޓާ ޕްލޭއެއް ކަމުގައިވާ "ޑެތު އޮފް އަ ސޭލްސްމަން" ގެ ޕްލޭއެއްގައި މަސައްކަތްކުރަމުން އަންނަ ޒުވާން ދެމަފިރިއެއްގެ ހަޔާތް ކުއްލިއަކަށް ބަދަލުވެ ކުރިމަތިވާ މުސީބާތްތަކެކެވެ.