ހަބަރު

ކުށް ކުރާ މިންވަރު މަދުކުރަން ކެމްޕޭނެއް ފަށައިފި

ކުށް ކުރާ މިންވަރު މަދު ކުރުމަށް ފުލުހުން ކުރިއަށް ގެންދާ ކެމްޕޭން ރަސްމީކޮށް މިއަދު ލޯންޗުކޮށްފި އެވެ. މި ކެމްޕޭން މިއަހަރު ކުރިއަށް ގެންދާނީ ހަ ކުންފުންޏަކާއި ގުޅިގެންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕޭން ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފެވެ. ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މި ކެމްޕޭނަކީ ރާއްޖޭގައި އަމާން ވެއްޓެއް ގާއިމް ކުރަން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. ކެމްޕޭނުގެ މިއަހަރު ޝިޔާރަކީ "މަށެއް ނުކުރާނަން ކުށެއް" އެވެ.

މި ކެމްޕޭނުގައި ބައިވެރިވެފައިވާ ކުންފުނިތަކަކީ ދިރާގާއި އެލައިޑް އިންޝުއަރެންސް އާއި ބޭންކް އޮފް މޯލްޑިވްސް އާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާއި މެޕްސް ކޮލެޖް އަދި ޓާނިން ޕޮއިންޓް އެވެ.

މި ކެމްޕޭނުގެ ދަށުން މިދިޔަ އަހަރުވެސް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ރާއްޖެ އެކިކަންކޮޅު ތަކުގައި ރެޑީ ކޭމްޕުތަކެއް ހިންގި އިރު ސްކޫލް ތަކުން 1704 ދަރިވަރުން އަދި އަމިއްލަ ގޮތުން 4524 ފަރާތެއް ބައިވެރިވެފައި ވެއެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ރާއްޖޭގައި އަމާން ވެއްޓެއް ގާއިމް ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރިއަށް ގެންދާ މިފަދަ ކެމްޕޭންތައްވެސް ކާމިޔާބު ވެފައިވަނީ މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށެވެ.