ވިޔަފާރި

އެންސިސް ފިޝަރީޒަށް "ފްރެންޑްސް އޮފް ދަ ސީ" ސެޓްފިކެޓް ލިބިއްޖެ

Mar 22, 2015

ރާއްޖޭގެ އަމިއްލަ މަސް ކުންފުންޏެއް ކަމަށްވާ އެންސިސް ފިޝަރީޒަށް "ފްރެންޑްސް އޮފް ދަ ސީ" ސެޓްފިކެޓް ލިބިއްޖެ އެވެ.

ބޭރުގެ މާކެޓުތަކަށް ވަނުމަށް މުހިންމު މި ސެޓްފިކެޓް އެންސިސް ކުންފުންޏަށް ލިބިފައިވަނީ އެ ކުންފުނިން ރާއްޖޭން ބޭރުކުރާ ބޮޑު ކަންނެއްޔަށެވެ. އެ ސެޓްފިކެޓަކީ ތިމާވެއްޓަށް ވީހާ ވެސް ގެއްލުން ކުޑަ ގޮތަކަށް މަސް ބާނައި އޭގެ އުފެއްދުންތައް ތައްޔާރުކުރުމަށް ދޭ ސެޓްފިކެޓެކެވެ.

އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވިދާޅުވީ މި ސެޓްފިކެޓް ލިބުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށެވެ.

"މިއީ އިތުރު މާކެޓުތަކަށް ހުޅުވިގެން ދާނެ އިތުރު ދޮރެއް،" ވަސީމް ވިދާޅުވި އެވެ.

ފްރެންޑްސް އޮފް ދަ ސީ ސެޓްފިކެޓް މީގެ ކުރިން ރާއްޖޭގެ ބޮޑެތި މަސް ކުންފުނިތަކަށް ލިބިފައިވެ އެވެ.

މަސްވެރިކަން ފުޅާ ކުރުމާއި މަސްވެރިކަން ޕްރޮމޯޓް ކުރުމުގެ ގޮތުން ސަރުކާރާ ގުޅިގެން ކުންފުނިތަކުން ދަނީ އިތުރު މާކެޓުތައް ހޯދަމުންނެވެ. އެގޮތުން މަސްވެރިކަން ޕްރޮމޯޓު ކުރުމަށް ބޯޑެއް ވަނީ އުފައްދާފަ އެވެ. އަދި ފިޝަރީޒް ޕްރޮމޯޝަން ބޯޑުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ގިނަ އަދަދެއްގެ ކުންފުނިތައް ބައިވެރިވެގެން ވަނީ އެމެރިކާގައި ބޭއްވި "ބޮސްޓަން ސީފުޑް ފެއާ" ގައި ބައިވެރިވެފަ އެވެ.

މި ފެއާ ނިންމާލުމަށްފަހު ރާއްޖެ އައިސް ބޭއްވި ނިއުސް ކޮންފަރެންސުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ރާއްޖޭގެ ބައެއް ކުންފުނިތަކަށް ފްރެންޑްސް އޮފް ދަ ސީ ސެޓްފިކެޓް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ސެޓްފިކެޓުގެ ސަބަބުން އިތުރު މާކެޓުތައް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.