ހަބަރު

އިންޖެކްޝަނެއް ޖެހުމަށް ކުރީގެ ޕީޖީ މުހުތާޒު އެޑްމިޓްކޮށްފި

Feb 28, 2017

މާފުށީ ޖަލުގައި 17 އަހަރުގެ ޖަލު ހުކުމެއް ފުރިހަމަ ކުރައްވަމުން ގެންދަވާ ކުރީގެ ޕީޖީ މުހުތާޒު މުހުސިން އޭޑީކޭގައި އެޑްމިޓްކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސަސްގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މުހުތާޒު އެޑްމިޓް ކުރީ، އުނަގަނޑުގައި ރިއްސާތީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ޑޮކްޓަރު ލަފާދީފައި ވަނީ އިންޖެކްޝަނެއް ޖަހަން ކަމަށާއި އެ އިންޖެކްޝަން ޖެހުމަށް ފަހު މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ހާލު ސީރިއަސް ވެގެނެއް ނޫން އެޑްމިޓް ކުރީކީ. މުހުތާޒުގެ ހާލު ސީރިއަސްއެއް ނޫން،" އޮފިޝަލް ވިދާޅުވި އެވެ.

މުހުތާޒުގެ މައްޗަށް ކުށްސާބިތުވެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހުނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓް އަމުރެއް ނެރެގެން، އެމަނިކުފާނު ހައްޔަރު ކުރަން މަސައްކަތް ކުރިކަން ސާބިތުވެގެންނެވެ. މުހުތާޒު އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތްގުޅުންތަކެއް ބޭއްވި ބޭފުޅެކެވެ.