ވިޔަފާރި

"އަހަރެންގެ ބޭންކުން" ބީއެމްއެލްގެ ބޮޑެތި އެހީތަކެއް މުޖުތަމައަށް

Mar 1, 2017
4

މުޖުތަމައުގެ އެކި ގިންތިތަކަށް އެހީވުމަށް، ގައުމީ ބޭންކް ބީއެމްއެލް އިން ފެށި "އަހަރެންގެ ބޭންކް، ދިވެހިންގެ ބޭންކް" ކެމްޕޭންގެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި ބީއެމްއެލް އިން އާންމުންނަށް އެހީތެރިވުމަށް ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގައިފި އެވެ.

އެ ކެމްޕޭންގެ ދަށުން، މިދިޔަ މަސްދުވަހުގެ ތެރޭގައި 28 ހަރަކާތެއް ބީއެމްއެލް އިން ވަނީ ހިންގައިފަ އެވެ. އެގޮތުން މިދިޔަ މަސްދުވަހުގެ ތެރޭގައި އެކި ފަރާތްތަކަށް އެހީތެރިވުމަށް ބީއެމްއެލް އިން ވަނީ 400،000 އަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް އެހީގެ ގޮތުގައި ދީފަ އެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކް ކެމްޕޭންގެ ފުރަތަމަ މަސްދުވަސް އިއްޔެގެ ނިޔަލަށް ނިމުނު އިރު، އެ ކެމްޕޭން ފެށުމުގެ ގޮތުން ބީއެމްއެލް އިން ވަނީ ސީއެސްއާރު މަޝްރޫއެއް ހިންގުމަށް ބޭންކުން ދޭ 200،000 ރުފިޔާގެ އިނާމަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ހުޅުވާލައިފަ އެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހާ ހަމަޔަށް ޕްރޮޕޯސަލްތައް ބަލައިގެންފައިވާ އިރު، ބީއެމްއެލް އިން ބުނީ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު އެންމެ މޮޅު ފަސް ޕްރޮޕޯސަލް ހޮވައި، އޭގެ ތެރެއިން 200،000 ރުފިޔާ ދޭނެ ޕްރޮޕޯސަލެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

މީގެ އިތުރުން، ބީއެމްއެލް އިން މިދިޔަ މަސްދުވަހުގެ ތެރޭގައި ވަނީ އަހަރެންގެ ބޭންކްގެ ކެމްޕޭންގެ ދަށުން، އެކި ޖަމްއިއްޔާތަކުގެ އިވެންޓްތައް ސްޕޮންސަކޮށްގެންނާއި އެހެނިހެން ވެސް ގޮތްގޮތުން އެހީގެ ގޮތުގައި ފައިސާ ދީފަ އެވެ. އަދި ބައެއް ސްކޫލްތަކާއި އަތޮޅުތަކުގައި އަދި އެކި ރަށްރަށުގައި ހިންގި އިޖުތިމާއީ ހަރަކާތްތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ އިތުރަށް ބީއެމްއެލް އިން ވަނީ ބައެއް އާ ހިދުމަތްތައް ތައާރަފް ކުރުމާއި އެ ބޭންކުން ދޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރުން އަދި މުޅިން އާ ދެ ބްރާންޗެއް އަތޮޅުތަކުގައި ހުޅުވައިފަ އެވެ.

އެގޮތުން އެހީގެ ގޮތުގައި ބީއެމްއެލް އިން ވަނީ، ކެންސާ ސޮސައިޓީއަށް 30،000 ރުފިޔާ އަދި ކެއާ ސޮސައިޓީއަށް 150،000 ރުފިޔާ، އަދި ބީއެމްއެލްގެ 250 މުވައްޒަފުން ބައިވެރިވެގެން ބޭއްވި ޗެރިޓީ ރަންއެއް ބާއްވައި ތިން ޖަމްއިއްޔާއަކަށް ބޭންކްގެ ފަރާތުން ވަނީ ޖުމްލަ 90،000 ރުފިޔާ ހަދިޔާކޮށްފަ އެވެ. މީގެ އިތުރަށް ބީއެމްއެލްގެ މުވައްޒަފުން ވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް ހަދިޔާ ބެހުމާއި، ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް އަދި ކުޑަކުދިންގެ ހިޔާގެ ކުދިންނަށާއި ދެ ސްކޫލަކަށާއި ފަސް ރަށެއްގެ ހެލްތް ސެންޓަރުތަކަށް ބޭންކްގެ މުވައްޒަފުން ޒިޔާރަތްކޮށް ވަނީ ހަދިޔާ ދީފަ އެވެ. އުފާވެރި ހަބަރެއްގެ ގޮތުން ބޭންކުން ވަނީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގާ އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާންކޮށްފަ އެވެ.

މި ކެމްޕޭންގެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި ބީއެމްއެލްގެ ހިދުމަތް ރަނގަޅު ކުރަން ކުރި މަސައްކަތްތަކުގެ ތެރޭގައި، ހއ ގެ ހޯރަފުއްޓާއި އެ އަތޮޅު އިހަވަންދޫގައި ބޭންކްގެ ބްރާންޗެއް ހުޅުވައި އެ ބޭންކްގެ ބްރާންޗްތަކުގެ އަދަދު ވަނީ 33 އަށް އިތުރުކޮށްފަ އެވެ. އަދި ޕީއޯއެސް މެޝިން މެދުވެރިކޮށް ޓެކްސީދަތުރުތަކަށް ކާޑުން ފައިސާ ދެއްކޭނެ ހިދުމަތާއި ޔޫއެސްޑޮލަރުގެ މުއާމަލާތްތަކަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމް ކުރުމާއި ބީއެމްއެލް އިސްލާމިކް އިން ގެދޮރު އިމާރާތް ކުރުމަށް ހާއްސަ މާލީ ޕްރޮޑަކްޓްތަކެއް ތައާރަފް ކުރުމާއި ފުވައްމުލަކުގައި ސެލްފްސާވިސް އޭޓީއެމް ސެންޓަރެއް ހުޅުވުމާއި ޒަމާނީ ކޯލްސެންޓަރަކާއި ދެ ސެލްފް ސާވިސް ސެންޓަރެއް އައްޑޫގައި ވަނީ ހުޅުވައިފަ އެވެ. މީގެ އިތުރަށް ބީއެމްއެލްގެ ޕީއޯއެސް މެޝިންތަކުގެ އަދަދު 4،000 އަށް އިތުރުކުރުމާއި ބޭންކްގެ މުޅިން އާ ގިފްޓް ކާޑް ތައާރަފް ކުރުން އަދި ބީއެމްއެލް ވިސާ ޕްލެޓިނަމް ކާޑް ތައާރަފްކޮށް ބީއެމްއެލް ދޫކުރި ކާޑްގެ އަދަދު ވަނީ މިދިޔަ މަސްދުވަހުގެ ތެރޭގައި 280،000 އަށް އަރާފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 33 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސާވިސް ބޭންކިން ސެންޓާ އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.