ވިޔަފާރި

ޗައިނާ ޓޫރިސްޓުން އިތުރުވެ، ޓޫރިޒަމަށް ދިރުން ލިބިއްޖެ!

Mar 2, 2017
2
  • އިނގިރޭސި މާކެޓު 11 ޕަސެންޓް މައްޗަށް
  • ދަށަށް ދިޔައީ ޖަރުމަނާއި ފްރާންސުގެ މާކެޓު
  • އޮކިއުޕެންސީ ރޭޓް ވެސް ވަނީ މަތިވެފައި

ހީނަރުވެފައިވާ ރާއްޖޭގެ ޓޫރިޒަމްގެ ޗައިނާ މާކެޓުން މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު 23 ޕަސެންޓް އިތުރު، ޓޫރިޒަމަށް 16 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މި އަހަރުގެ ފުރަތަމަ މަހު، ޖެނުއަރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 125،336 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި 108،396 ޓޫރިސްޓުންނާ އަޅާބަލާއިރު 16 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ ވޭތުވެދިޔަ ހަތަރު އަހަރުވެސް ރާއްޖޭގެ ޓޫރިޒަމްގެ ބޮޑުބައެއް ކޮންޓްރޯލްކުރާ ޗައިނާ ޓޫރިސްޓުންނެވެ. އެ ގައުމުން 30،669 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި 23،241 ޓޫރިސްޓުންނާއި އަޅާބަލާއިރު 32 ޕަސެންޓް އިތުރު އަދަދެކެވެ. ޗައިނާ މާކެޓު ރަނގަޅުވާން ފަށާފައި މިވަނީ ހީނަރުވެފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އިނގިރޭސިވިލާތުން 8،630 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރި 7،726 ޓޫރިސްޓުންނާ އަޅާބަލާއިރު 11.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ރަޝިޔާއިން ޒިޔާރަތް ކުރީ 6،874 ޓޫރިސްޓުންނެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ޒިޔާރަތްކުރި 5،727 މީހުންނާ އަޅާބަލާއިރު 30.4 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ އިތުރުން އިޓަލީވިލާތުން 12،076 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި 8،828 މީހުންނާ އަޅާބަލާއިރު 36.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޖަރުމަނުވިލާތުން މިދިޔަ އަހަރު ޒިޔާރަތްކުރީ 7،803 މީހުންނެވެ. އޭގެ ކުރީ އަހަރު ޒިޔާރަތް ކުރީ 7،837 މީހުންނެވެ. ޖަރުމަނު ޓޫރިސްޓުންގެ އަދަދު ވަނީ 0،4 ޕަސެންޓް ދަށްވެފަ އެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން ޓޫރިސްޓުން ރާއްޖޭގައި އެވްރެޖު ގޮތެއްގައި މަޑުކޮށްފައިވަނީ 5.7 ޕަސެންޓް ރޭ އެވެ. އަދި ރާއްޖޭގައި 30،654 އެނދުގައި ހިދުމަތް ދެމުން ގެންދާއިރު، ރާއްޖޭގެ އޮކިއުޕެންސީ ރޭޓް ހުރީ 73 ޕަސެންޓުގަ އެވެ.

އަހަރު ފެށުން ރާއްޖޭގެ ޓޫރިޒަމް އުޖާލާކޮށް ދެއްކިއިރު، މިދިޔަ އަހަރު ދަށްވެފައިވާ ޗައިނާ މާކެޓު ރަނގަޅު ކުރުމަށް ޓޫރިޒަމް އިންޑަސްޓްރީއާއި އެމްއެމްޕީއާރުސީން ވަނީ ވަރަށް ގިނަ މަސައްކަތް ކޮށްފަ އެވެ. މިގޮތުން މި މަސައްކަތާއެކު، މިދިޔަ އަހަރު 1.2 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.