ވިޔަފާރި

ދުނިޔޭގެ ބާޒާރުގެ އަގުތައް 41 ޕަސެންޓް، ރާއްޖޭގައި 2.9 ޕަސެންޓް މައްޗަށް!

Mar 2, 2017
1
  • ރާއްޖޭގެ އިނފްލޭޝަން މަތިވުން ކާޑުގެ އަގާ ގުޅިފައި
  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ވަނީ އުފުލިފައި

ދުނިޔޭގެ ބާޒާރުގައި އަގުތައް 41 ޕަސެންޓް އިތުރުވެ، ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައްވެސް، މިދިޔަ މަހު 2.9 ޕަސެންޓް އުފުލިއްޖެ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ކޮމޯޑިޓީ އިންޑެކްސް ދައްކާ ގޮތުން އަހަރުން އަހަރަށް ބަލާއިރު އަގުތައް ވަނީ 41 ޕަސެންޓް މަތިވެފަ އެވެ. އަދި މިދިޔަ މަހު މި އަދަދު ވަކިން ބަލާނަމަ އުޅެނީ ދެ ޕަސެންޓް މަތީގަ އެވެ.

"މަހުން މަހަށް ބަލާއިރު އަދި އަހަރުން އަހަރަށް ބަލާއިރު ތަކެތީގެ އަގުތައް މަތިވެފައިވަނީ ތެލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުންނެވެ. މި މުއްދަތު ތެރޭގައި ކާބޯތަކެތީގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ،" މަރުކަޒީ ބޭންކުގެ"އިގްތިސާދީ ރިވިއު" ގައިވެއެވެ.

މިދިޔަ މަސް ނިމުނުއިރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 53.6 ޕަސެންޓް މަތީގަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 79 ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި އަހަރުން އަހަރަށް ބަލާއިރު މިދިޔަ އަހަރު ރާއްޖޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް މަތިވި މިންވަރު ނުވަތަ އިންފްލޭޝަން ރޭޓް ހުރީ 2.3 ޕަސެންޓް މަތީގަ އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު ވަނީ މި އަދަދު 2.9 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

"މީގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ކާޑާއި މަހުގެ އަގުތައް މައްޗަށް ގޮސްފައިވުމެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ގޭގެ ކުލިތައް އިތުރުވެފައިވުމަކީވެސް އިފްލޭޝަން ރޭޓް އިތުރުވުގެ ސަބަބެކެވެ،" އެމްއެމްއޭއިން ބުނެ އެވެ.