އަވަސް ވީކެންޑް

ލަންކާ މަގުމަތީގައި ދިވެއްސަކު ނާށިގަނޑު ހިފައިގެން!

Mar 3, 2017
14

މެދު އުމުރުގެ އެ މީހާއަކީ ބަލާ ބެލުމަށް އޭނާ ވަރަށް ބަލި މީޙެކެވެ. ބޮލުގައި އިސްތައްޓެއް ނުހުރެ އެވެ. ތުނބުޅި މަތިމަސް ވެސް ބާލާ އޮމާން ކޮށްފަ އެވެ. ހަށިގަނޑު ވެސް އަނަރޫފަ އެވެ. އޭނައާ ލަންކާ އިން ފުރަތަމަ ދިމާވީ ދިވެހިން "އަބަދު އަޅާފައި ތިބޭ" އެމްސީ ދޮރު މަތިންނެވެ. ދޮރުމަތީގައި ދެކޮޅަށް ކުރަކާލި ކަނޑައި ހުރަސް ކުރިނިކ=ކޮށެވެ. އޭނާގެ މަސައްކަތަކީ ސަލާން ޖެހުމެވެ. ދިވެހިންގެ އަތުން ފައިސާ ކޮޅު ހޯދުމެވެ. އަހަރެމެންނާ ދިމާވުމާއެކު އޭނާގެ ވާހަކަ ފެށި އެވެ.

"އައްސަލާމް އަލައިކުމް، އަޅުގަނޑަށް އެއްޗެއް ދެއްވާ؟ މިއީ ދިވެއްސެއް،"

އަހަރެންގެ ކައިރީގައި ހުރި ދެ ރަހުމަތްތެރިޔާ، އެކަކު އަނެކަމުގެ މޫނަށް ބަލައިލި އެވެ. ދެ އެކުވެރިން ވެސް ލިބުނީ ހައިރާން ކަމެކެވެ.

"މިއީ ދެން ވަރަށް ހަޑި ކަމެއް ދޯ؟ ލަންކާގެ މަގުމަތީގައި ދިވެއްސަކު ސަލާން ޖެހުމަކީ،" ފަސް ދީ އެ މީހާ ދިއުމާއެކު، ރަހުމަތްތެރިޔާ ބުންޏެވެ.

ދިވެހިން ބޭސް ފަރުވާ އަށާއި ޗުއްޓީ އާއި ދިރިއުޅެން ވެސް ގޮސް އުޅޭ ލަންކާގެ މަގުމަތީގައި ދިވެއްސަކު ނާށިގަނޑު ހިފައިގެންސަލާން ޖަހަން ނުކުމެ ހުއްޓާ ފެނުމުން ހައިރާންވާނެތާއެވެ. އެހެންވެ ހިނގަމުން ދިޔައިރު ވެސް އަހަރެމެންގެ މައިގަނޑު ވާހަކައަށްވީ އެވާހަކަ އެވެ.

"ނޭނގެ ދޯ؟ އެ ވެދާނެ ވަރަށް ބަލި މީހަކަށް ވެސް ދިވެއްސަކު އެހީއަކަށް އެދުމުން ވެސް އަޅާ ނުލީމެންނު؟" އަހަރެން ބުނެލީމެވެ. އަސްލުގައި އަހަރެންގެ ހިތަށް ފަހުން ކޮންމެވެސް ވަރަކަށް އަސަރުކޮށްފި އެވެ. ދިވެއްސަކަށްވެ ހުރެ، އެ މީހާ އަށް އެހީއެއް ނައްޓާލެވުނީމެވެ.

އޭގެ ޖެހިގެން އައި ދުވަހެވެ. އަހަރެމެން ތިން މީހުން ދިޔައީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށެވެ. އެ ތަނުގައި ހުއްޓައި ލިބުނީ ކުއްލިހައިރާން ކަމެކެވެ. އެއްކަލަ މީހާ ބޮޑު ފައިލް ބޮނޑިއެއް ކިހިއްޔަށް ޖަހާލައިގެން އައިސް އެމްބަސީއަށް މިހިރަ ވަންނަނީ އެވެ. މިއަދު ހުރީ ހުދު މާސްކެއް ވެސް އަޅައިގެންނެވެ. އެ އައިބާރު މިނުގައި އެމްބަސީގެ މުވައްޒަފަކާ ވާހަކަ ދައްކަން ވެސް ފަށައިފިއެވެ. އެކަމަކު އެ މުވައްޒަފުގެ ސަމާލުކަން އޭނާއަކަށް ނުލިބުނެވެ. އިރުކޮޅަކުން އޭނާ އަށް އަހަރެމެން ވެސް ފެނިއްޖެ އެވެ. ދެން އަހަރެމެން ކައިރި އަށް އަތުވެއްޖެ އެވެ.

"އަައްސަލާމް އަލައިކުން..." އަހަންނާ ދިމާލަށް އަތް ދިއްކޮއްލަމުން އޭނާ ބުންޏެވެ.

އަތުގައި ހިފައި ސަލާމް ބަލައި ގަނެ ބޭބެގެ ހާލުގެ ކިހިނެއްހޭ ވެސް އަހާލެވިއްޖެ އެވެ. އޭނާގެ ވާހަކަ މިއޮއްފެށީއެވެ؛ ލަންކާގައި އުޅޭތާ އަށް އަހަރު ވެއްޖެ ވާހަކަ އާއި ލަންކާ ޖަލަށްލި ވާހަކަ އާއި އޭނާއަށް ކެންސަރު ޖެހިފައި ކަމަށް ބުނާ ވާހަކައެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ އެއްވެސް ލިޔުމެއް އޭނަގެ އަތުގައި މިހާރަކު ނެތޯލަ އެވެ.

ސަރުކާރުން ބޭބެއަށް އެއް ވެސް އެހީއެއް ނުދޭ ހެއްޔެވެ؟ އަހަރެން ސުވާލުކޮށްފީމެވެ. އޭނާގެ ޖަވާބަކީ ނުދެއޭ އެވެ. އެ ޖަވާބާއި އެ ޖަވާބު ދޭން އުޅުނު ގޮތުން އިތުރު ސުވާލުތައް ފުނި ޖެހިއްޖެ އެވެ.

"އެހެންވީމަ ކިހިނެއް ތިޔަ ބައްޔަށް ބޭސް ކުރަނީ؟" އޭނާ ބުނީ ކެންސަރު ހޮސްޕިޓަލުން ހިލޭ ބޭސް ކުރެވޭ ކަމަށާއި ފައިސާ ހޯދަނީ ކެއުމުގެ ހަރަދުތައް ހަމަޖައްސާށެވެ. އެހެންވެ އަނެއްކާވެސް އެހީއެއް ދިނުމަށް އެދުނެވެ.

ކުރީ ދުވަހުވެސް އޭނާއަށް އަޅައި ދެވުމާއި ދެވަނަ ދުވަހަކު އޭނާގެ ވާހަކަތައް އަހައި އެހީއެއް ނުވެ ދާކަށް ހިތްހަމަ ނުޖެހުމުން 40 ރުޕީސް ދީފީމެވެ. އަހަރެންގެ އަނެއް ދެ ރަހުމަތްތެރިންގެ ތެރެއިން އެކަކު 1،000 ރުޕީސް އަދި އަނެކަކު 500 ރުޕީސް ދީފި އެވެ. ފައިސާ ލިބުމާއެކު ޝުކުރިއްޔާއޭ ބުނެލާފައި ހައިކޮމިޝަނުން ނުކުމެގެން ނައްޓާލައިފި އެވެ.

އޭނާ ނުކުމެގެން ދިއުމާއެކު އެ ވާހަކަ މާލޭގެ އެކި ވައިބާ ގްރޫޕުތަކަށް ރަހުމަތްތެރިޔާ ލައިފި އެވެ. ވައިބަރު ގްރޫޕުތަކުގައި އެ ވާހަކަ ވައިގައި ހިފައިފިއެވެ. ދެން އެނގުނީ އެއީ މާލެ މީހެއް ކަމާއި ލަންކާ އަށް ގޮސް އެ ގައުމު މީހަކާ އިނދެ، ފައިސާ ހޯދަން މަގުމަތީގައި ސަލާންޖަހަނީ ކަމެވެ. އެހެން ވާހަކަތައްވެސް ތިލަވާން ފަށައިފި އެވެ. ކްލަބް ތަކަށް ދިއުމާއެކު މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުތަކެވެ.

އޭނާގެ މި "އިސްޓޯރީ" ގައި ޖައްސައި ގިނަ ދިވެހިން މީގެ ކުރިން ވެސް ވަނީ ވާ ވައްދާފަ އެވެ. އެ މަޅީގައި އަހަރެމެން ވެސް ޖެހުނީ އެވެ.