އާޖެންޓީނާގެ ފުޓުބޯޅަ ކުޅުންތެރިން ހަޅުތާލުކުރަމުން ދާތީ އެ ގައުމުގައި ހުކުރު ދުވަހު ބާއްވަން އުޅުނު ފުރަތަމަ ޑިވިޝަންގެ ދެ މެޗު ކެންސަލް ކުރަން ޖެހިއްޖެ އެވެ.
އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަނުން އެ ދެމެޗު ލަސްކުރީ ފުޓުބޯޅަ ކުޅުންތެރިން ކުރަމުން އަންނަ ހަޅުތާލު ހުއްޓައިލާތޯ ކުރި މަޝްވަރާތައް ނާކާމިޔާބު ވުމުންނެވެ.
އާޖެންޓީނާގެ ފުޓުބޯޅަ ކުލަބު ތަކަށް ފައިސާގެ މައްސަލަތައް ކުރިމަތިވެ، ކުޅުންތެރިންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. އެހެންވެ ކުރަން ފެށި ހަޅުތާލު، ހުރިހާ ކުޅުންތެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބެނީސް ހުއްޓައި ނުލާނެ ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ. ހަޅުތާލުގައި އެ ގައުމުގެ 200 އަށް ވުރެ ގިނަ ކްލަބުގެ ކުޅުންތެރިން ހިމެނެއެވެ.
ހަޅުތާލާ ހެދި ހުކުރު ދުވަހު ނުކުޅެވުނު ދެ މެޗަކީ ރޮޒާރިއޯ ސެންޓްރަލް އާއި ގޮޑޯއީ ކްރޫޒް ރޮޒާރިއޯ ސިޓީގައި ކުޅެން އޮތް މެޗާއި ސެން ލޮރެންޒޯއާއި ބަލްގްރޭނޯ ބިއޮނަސް އަޔާސްގައި ކުޅެން އޮތް މެޗެވެ.
އާޖެންޓީނާގެ މިއަހަރު ފުޓުބޯޅަ މޫސުން ފަށަން ޖެހެނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް ފައިސާގެ މައްސަލަތަކާއި ހެދި ލަސްކުރަމުން އައިސް އަލުން ފަށަން ހަމަ ޖައްސާފައި އޮތީ ހުކުރުދުވަހުއެވެ.
އާޖެންޓީނާގެ ފުޓްބޯލް އެސޯސިއޭޝަނުން ބުނެފައި ވަނީ މެޗުތައް ކުޅެން ދެކޮޅު ހަދާ ކްލަބުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަަމަށެވެ.
އާޖެންޓީނާގެ ފުޓްބޯޅަ ކުލަބުތަކަށް މައްސަލަތައް ކުރިމަތިވީ އެގައުމުގެ ފުޓްބޯލް އެސޯސިއޭޝަންގެ އިސް ވެރިން ތަކެއްގެ ޚިޔާނާތުގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.
ހަޅުތާލު ހުއްޓާލައި މެޗްތައް އަލުން ފެށޭތޯ ބަލަން އާޖެންޓީނާ ސަރުކާރުން ވަނީ އެގައުމުގެ ފުޓްބޯލް އެސޯސިއޭޝަނަށް 18 މިލިޔަން ޑޮލަރު ދީފައެވެ. އެފައިސާއަކީ ބްރޯޑްކާސްޓިން ރައިޓްސް ދިނުމަށް ސަރުކާރާއި އެކު ހަދާފައިވާ އެއްބަސްވުމެއް ކެންސަލް ކުރުމުން ސަރުކާރުން ދޭންޖެހޭ ފައިސާއެކެވެ. އާޖެންޓީނާގެ ކުޅުންތެރިންގެ ޔޫނިއަނުން ބުނެފައި ވަނީ މައްސަލަތައް ހައްލުކުރަން އެފައިސާ މާ މަދު ކަމަށެވެ. - ބީބީސީ