ސްރީލަންކާ

ލަންކާގައި ޖުޒާމު ބަލި ފެތުރެނީ

ބަލި ބޮޑުވުމުން ހަށިގަނޑުގެ ގުނަވަންތައްް ހަލާކުވެ، ވެއްޓޭ ޖުޒާމް ބަލި ޖެހޭ މީހުންގެ އަދަދު އަވަށްޓެރި ސްރީލަންކާގައި އިތުރުވެއްޖެ އެވެ.

ސްރީލަންކާގެ އެންޓިލެޕްރަސީ ޑައިރެކްޓަރު ޑރ. ޕްރިޔަންތާ ކަރުނަރަތުނައާ ހަވާލާދީ ސަންޑޭ ޓަައިމްސް ނޫހުން ބުނީ އެ ގައުމުގައި ޖުޒާމް ބަލި ޖެހޭ މީހުންގެ ނިސްބަތް އަހަރަކު 2000 އަރާފައިވާ ކަމަށެވެ. ކަރުނަރަތުނަ ވިދާޅުވީ ލަންކާއިން ޖުޒާމް ބަލި މުޅިން ނައްތައިލެވިއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން 1995 ވަނަ އަހަރު އިއުލާން ކޮށްފައި ވިޔަސް އެކަން ހަގީގަތުގައި ހާސިލުނުވާ ކަމަށެވެ. ކުރެވުނު ކަމަކީ ޖުޒާމް ބަލި ޖެހޭ މީހުންގެ ނިސްބަތް އަހަރަކު 10000 އިން 10 އަކަށް ތިރިކުރެވުމެވެ.

ޖުޒާމް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ މައްސަލައަށް އަލިއަޅުވައިލުމުގައި މީޑިއާ ނާކާމިޔާބު ވެފައިވާ ކަމަށާއި އެހެންވެ، އެބައްޔާއި މެދު ރައްޔިތުންގެ ހޭލުންތެރިކަން ކުޑަ ކަމަށް ވެސް ކަރުނަރަތުނަ ވިދާޅުވެފައި ވެއެވެ.

"އަހަރެމެންނަށް ތުހުމަތު ކުރެވޭ ބަލި ޖެހިފައި ތިބި މީހުން ފަރުވާ ނުހޯދައި ގޭގޭގައި ފިލާ ތިބޭނެ ކަމަށް،" އޭނާ ވިދާޅުވެފައި ވެއެވެ.

ކަރުނަރަތުނަ ލަފާކުރައްވާ ގޮތުގައި ޖުޒާމްބަލި ޖެހިގައި ތިބި މީހުން އެންމެ ގިނައިން ތިބީ ވެރިރަށް ކޮލަމްބޯއިން ފެށިގެން ދެކުނަށް އޮތް ސަރަހައްދުތައް ކަަމަށްވާ ކޮރަލަވެއްލަ އާއި މޮރަޓުވާ އާއި ގާލީ ފަދަ ސަރަހައްދުތަކުގަ އެވެ.

ޖުޒާމްބައްޔާ މެދު މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަން ކަރުނަރަތުނައާއި އޭނާގެ ޓީމުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެ ބައްޔާއި ބެހޭ މައުލޫމާތުތައް ސްކޫލްތަކުގައި ދިނުމަށާއި އެކަމަށްޓަކައި މަހާސިންތާތައް ބާއްވަން ވަނީ ނިންމާފައެވެ.

ބެކްޓީރިއާއިން ޖެހޭ ޖުޒާމް ބައްޔަކީ އެބަލީގެ ކުރީކޮޅު ދެނެގަނެ، ފަރުވާ ކުރެވިއްޖެ ނަމަ ރަނގަޅުކުރެވޭ ބައްޔެެކެވެ. އެބަލި ޖެހެނީ ބެކްޓީރިއާއަކުންނެވެ. މީހުން އެބަލި ޖެހުނުކަން ސިއްރު ކުރަނީ މުޖުތަމައުން އެމީހުންނާ މެދު ނުބައި ގޮތް ގޮތަށް ދެކޭތީ އެވެ. މިއީ ހަށިގަނޑުގެ ހިއްސުތަކަށް ހަމަލާދޭ މައިކޮބެކްޓީރިއަލް ލެޕްރާ ކިޔާ ފަންޏެއް، ނުވަތަ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެއްކެވެ. ގައިން ގަޔަށް އަރާ މި ބަލި ގިނައިން ފާޅުވަނީ މޫނާއި ނޭފަތާއި ކަންފަތް ފަދަ ތަންތަނުންނެވެ. ޢާންމުކޮށް މިބަލީގެ އަސަރު ހުންނަ ތަންތާނގައި އިޙްސާސެއް ނުހުރެ އެވެ.

ސްރީލަންކާއަކީ ގިނަ އަދަ އަދަދަކަށް ދިވެހިން ދިރިއުޅޭ އަދި ގޮސް އުޅޭ ގައުމެކެވެ.