އެމެރިކާ

އިރާގާއި ސީރިއާގެ ގިނަ އަދަދެއްގެ އާންމު މެރި ކަމަށް އެމެރިކާ އެއްބަސްވެއްޖެ

އެމެރިކާއިން ވައިގެމަގުން ދިން ހަމަލާތަކުގައި އިރާގާއި ސީރިއާގެ އާންމުންގެ ތެރެއިން 220 މީހަކު މަރުވެފައިވާ ކަމަށް އެގައުމުން އެއްބަސްވެއްޖެ އެވެ.

މިދިޔަ ހޮނިހިރުދުހު އެ ގައުމުގެ އަސްކަރިއްޔާއިން މިކަމަށް އެއްބަސްވެފައިވީއިރު، އެ ގައުމުން 2014 ގައި އޮޕަރޭޝަން ފެއްޓިފަހުނުން އިރާގާއި ސީރިޔާއަށް ވައިގެމަގުން ދިން ހަމަލާތަކުގައި މަދުވެގެން 2463 އާންމު ރައްޔިތުން މަރުވެފައިވާ ކަމަށް ހަނގުރާމަ ދިރާސާކުރާ ގްރޫޕު "އެއާ ވާސް" އިން ވަނީ ބުނެފަ އެވެ.

އެމެރިކާއިން ސީރިޔާ އާއި އިރާގަށް ހަމަލާ ދޭން ފަށާފަިވަނީ އެ ދެ ގައުމުގައި އޮޕަރޭޓު ކުރަމުން އަންނަ އައިސިސް ގެ މޫ ލުހެލުމަށް ކަމަށް އެ ގައުމުން ބުނާއިރު، މި އޮޕަރޭޝަން ގެ ހަގީގީ މަގްސަދާ މެދު ގިނަ ގައުމުތަކަކުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

އާންމު ރައްޔިތުންގެ ގިނަ ބަޔަކު މަރާލާފައިވާ ވައިގެ ހަމަލާތައް މީގެ ކުރިން ދީފައިވަނީ އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ އެއްބަސްވުމާއެކު އެވެ. އަދި އާ ރައީސް ޑޮނާލްޑް ޓްރަމްޕް ގެ ވެރިކަމުގައި ވެސް މި ފަދަ އުކުޅު ބޭނުން ކުރާނެ ކަމަށް ހަނގުރާމަ ދިރާސާ ކުރާ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.