ވިޔަފާރި

މަޝްހޫރު "ސަބްވޭ ޗެއިނުން" ރާއްޖޭގެ މަސް ގަންނަން އެއްބަސްވެއްޖެ

Mar 23, 2015
1

ދުނިޔޭގެ އެންމެ ބޮޑެތި ރެސްޓޯރެންޓް ޗެއިންތަކުގެ ތެރޭގައި ހިމެނޭ "ސަބްވޭ" އިން ރާއްޖޭގެ މަސް ގަންނަން އެއްބަސްވެއްޖެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު މަސް ކުންފުނި، މިފްކޯ އަށް ބާނާ މަސް ގަތުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ސަބްވޭ ޗެއިނާ ދެމެދު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސޮއިކުރާނެ އެވެ. އަދި އެ ކުންފުންޏަށް ގަންނަނީ ރާއްޖޭގެ މަސްވެރިން ދޮށީގެ މަސްވެރިކަމުން ބާނާ ކަނޑު މަހެވެ.

ރާއްޖޭގެ މަސް ގަންނަން ސަބްވޭ ޗެއިނުން އެއްބަސްވެފައިވަނީ ރާއްޖޭގެ މަހަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް ދުނިޔޭގައި ދޭ އެންމެ މަތީ ސެޓްފިކެޓް ކަމަށްވާ މެރިން ސްޓްވާޑްޝިޕް ކައުންސިލް (އެމްއެސްސީ) ސެޓްފިކެޓް  ލިބިފައިވާ މަހަށްވުމުންނެވެ.

ސަބްވޭ އާ އެކު ވާހަކަ ދައްކަމުންދާ ކަމަށް މިފްކޯ އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބުނެފައިވެ އެވެ. އެކަން އިއުލާނުކޮށްފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސް ޕްލާންޓުތައް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިފްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލެވެ.

ރާއްޖޭގެ މަސް ގަންނަން ފަށާ ސަބްވޭ އަކީ 1965 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ބިޔަ ވިޔަފާރި އެކެވެ. ސަބްމެރިންނާއި ސޭންޑްވިޗް ފަދަ ތައްޔާރީ ކާނާ އުފެއްދުމަށް ހާއްސަ އެންމެ ބޮޑެތި ރެސްޓޯރަންޓް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ސަބްވޭ ޗެއިންގެ ރެސްޓޯރެންޓުތައް ދުނިޔޭގެ 110 ގައުމެއްގައި ހުރެ އެވެ. މި ކުންފުނިން ހިންގާ ރެސްޓޯރެންޓުތަކުގެ އަދަދު 40،000 އަށްވުރެ ގިނަ އެވެ.