ދިވެހި ސިނަމާ

"ވިޝްކާ" ގެ މައްސަލާގައި ރިޝްމީ ކޯޓަށް ހާޒިރުކޮށްފި

Mar 7, 2017
4

ޔާރާ ޕްރޮޑަކްޝަންސް އިން މާދަމާ ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ވިޝްކާ" ގެ މިލްކުވެރިކަމަށް ދައުވާކޮށް ކެމެރާމަން ކޮކޯ ހަސަން ހަލީމް ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލައާ ގުޅިގެން ރިޝްމީ މިއަދު ކޯޓަށް ހާޒިރުކޮށްފި އެވެ.

މިއަދު ބޭއްވި "ޑިސްޕިއުޓް މަރުހަލާ" އަށް ހާޒިރުވުމަށް ފަހު ރިޝްމީ ބުނެފައި ވަނީ ކުރިން ވެސް ރާވާފައިވާ ގޮތުގެ މަތިން "ވިޝްކާ" ގެ ޕްރިމިއާ ހަފުލާ އާއި ރެޑްކާޕެޓް މާދަމާ ޝްވެކް ސިނަމާގައި ކުރިއަށްދާނެ ކަމަށެވެ. ފިލްމުގެ ޝޯތައް މާދަމާ ފަށާނެ ކަމުގެ ޔަގީންކަން އިތުބާރާ އެކު ދިން ނަމަވެސް ކޯޓުގެ މިއަދުގެ މަރުހަލާގެ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދިނެވެ.

މީގެ މައުލޫމާތު ސާފުކުރުމަށް ކޮކޯ ހަސަން އަށް ގުޅުމުން އޭނާގެ ފޯނަށް ޖަވާބެއް ނުދެ އެވެ. "ވިޝްކާ" ގެ މައްސަލާގައި ކޮކޯ ހަސަން ރިޝްމީގެ މައްޗަށް ދައުވާކޮށްފައި ވަނީ "ވިޝްކާ" އަކީ އޭނާގެ މިލްކުވެރިކަމުގެ ދަށުގައި އޮތްވައި ހުއްދަ ހޯދުމެއް ނެތި ރިޝްމީ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް ކަމަށް ބުނެ އެވެ.

ކޮކޯ ހަސަން ބުނަނީ "ވިޝްކާ" ގެ އޮރިޖިނަލް ވާހަކަ ލިޔުނު ފަރާތުން އެ ވާހަކައިގެ ހުރިހާ ރައިޓްސްއެއް އޭނާ އަށް ސިޓީއަކުން ދީފައިވާއިރު ފިލްމުގެ ސްކްރިޕްޓްގެ މިލްކުވެރިކަން ވެސް އޭނާ އަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ރިޝްމީ ބުނަނީ "ވިޝްކާ" އަކީ އޭނާގެ އަމިއްލަ މިލްކެއް ކަމަށެވެ.

މި މައްސަލާގައި ކޯޓުން ނިންމާ ގޮތަކަށް އިހްތިރާމްކުރާނެ ކަމަށް ކޮކޯ ހަސަން ބުނެފައިވާއިރު ބަލިވެއްޖެ ނަމަ ރިޝްމީގެ ކިބައިން މައާފަށް އެދޭނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.