ސިއްހަތު

މާހައުލު ތަޣައްޔަރު ވެގެން އަހަރަކު 1.7 މިލިޔަން ކުޑަކުދިން މަރުވޭ: ޑަބްލިއުއެޗްއޯ

Mar 7, 2017

މާހައުލު ތަޣައްޔަރު ވުމުގެ ސަބަބުން ދުނިޔެއިން އަހަރަކު 1.7 މިލިޔަން ކުޑަކުދިން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު ދެ ރިޕޯޓެއްގައި ބުނެފައި ވަނީ ދުނިޔޭގައި އަހަރަކު މަރުވާ ކުޑަކުދިންގެ ހަތަރުބައިކުޅަ އެއްބައި ކުދިން މަރުވަނީ މީހުން ބޮއިފައި ބޭރުކުރާ ދުމާއި ޔޫވީ ރޭޑިއޭޝަނާއި ރައްކާތެރި ނޫން ފެނާއި އީ ވޭސްޓް ފަދަ މާހައުލު ތަޣައްޔަރުކުރާ ބާވަތްތަކުގެ ސަބަބުން ކަމަށެވެ.

"ތަޣައްޔަރުވެފައިވާ މާހައުލަކީ ކުޑަކުދިންނަށް ނުރައްކަލެއް. ހެދި ބޮޑުވަމުން އަންނަ ގުނަވަންތަކާައި ކުދި ހަށިތަކާއި ވައިހޮޅިތަކުގެ ސަބަބުން އެކުދިންނަކީ ވައިފެން ނުސާފުވުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ބައެއް،" ޑަބްލިއު އެޗްއޯގެ ޑައިރެކްޓާ ޖެނެރަލް މަރްގަރެޓް ޗާން ވިދާޅުވިއެވެ.

ޑަބްލިއު އެޗްއޯއިން ނެރުނު ދެރިޕޯޓްގެ ތެރެއިން އެއް ރިޕޯޓްގައި ބުނެފައި ވަނީ ސާފު ބޯފެނާއި ކެއްކުމުގައި ރައްކާތެރި ހަކަތަ ބޭނުން ކުރާ ނަމަ، ކޮންމެ އަހަރަކު މަރުވާ އެއް މަހާއި ފަސް އަހަރާ ދެމެދުގެ އެތައް ކުދިންނެއްގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށެވެ. އެގޮތުން މާހައުލު ސާފުކޮށް ބާއްވައިގެން އެ ބަލިތަކަކުން ކުދިން ސަލާމަތްކުރެވޭނެ ބަލިތަކުގެ ތެރޭގައި މެލޭރިއާއާއި ބޭރަށް ހިންގުމާއި ނިއުމޯނިއާ ހިމެނޭ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާހައުލު ނުސާފުވުމުގެ މައްސަލަ އެންމެ ބޮޑުވަނީ ނުސާފު ވައިގެ ސަބަބުންނެވެ.

ވައި ނުސާފުވުމުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ސިކުނޑީގެ ހެދިބޮޑުވުމަށް ހުރަސްއެޅުމާއި ފުއްޕާމޭގެ މަސައްކަތް ދަށްވުމާއި ނޭވާ ހިއްލުން ހިމެނެއެވެ. އަދި އެފަދަ ނުސާފު ވައިގެ ތެރޭގައި ގިނަ ދުވަސްތަކެއް ހޭދަވެއްޖެ ނަމަ ކުދިންނަށް ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާވެސް އޮވެއެވެ. އެ މައްސަލަތަކުން ކުދިން ސަލާމަތްކުރުމަށް ޓަކައި، ވައި ނުސާފުވާ ފަދަ ކަންތައްތައް ނުކުރުމަށް ޑަބްލިއު އެޗްއޯއިން ވަނީ ގޮވާލާފައެވެ. - ޔޫއެން ނިއުސް ސެންޓަ