މޫސާ ޒަމީރު

"ޅ. އަދި މ. ގައި ވެސް އެއާޕޯޓް އަޅާ ވިސްނުން އެބައޮތް"

ޅ. އަތޮޅުގައާއި މ. އަތޮޅުގައި ވެސް އެއާޕޯޓް އެޅުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ފަސް ރަށެއްގެ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމް ފުޅާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ކައިރީގައި ވެސް އެއާޕޯޓު އެޅުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އެގޮތުން އެއާޕޯޓު އަޅައިގެން މާލީ ފައިދާ ވާނެ ބައެއް ރަށްތަށް ބަލާ ދިރާސާކޮށްފައި ވާނެ ކަމަށާއި ޅ. ފެލިވަރާއި އަދި މ. އަތޮޅުގައި ވެސް އެއާޕޯޓު އެޅުމުގެ ވިސްނުން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރޮގްރާމުގައި އެބައޮތް ފެލިވަރުގައި އެއާޕޯޓު އަޅަން. އެ އެއާޕޯޓު އަޅަން ވަރަށް ރަނގަޅު ސަރަހައްދަކަށް ވާނެ. އެއީ ދިވެހިންގެ އިތުރަށް ރިސޯޓު ބެޑް ކެޕޭސިޓީ ވެސް އެހާ ރަނގަޅުވީމަ. ދެން މ. އަތޮޅުގައި ވެސް ޓޫރިޒަމް ވަރަށް ފުޅާކޮށް އެބަދޭ އެހެންވީމަ އެ އަތޮޅުގައި ވެސް އެއާޕޯޓެއް މުސްތަގުބަލުގައި ހިންގާނެ،" ޒަމީރު ވިދާޅުވި އެވެ.

ޅ. އަތޮޅާއި މ. އަތޮޅުގައި އެއާޕޯޓް އަޅަން ފަށާނެ ވަކި ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ޒަމީރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ފަހު ރާއްޖެ އަންނަ ފަތުރުވެރިން ލަސްތަކެއް ނުވެ ފަސޭހަ ކަމާއެކު ރިސޯޓުތަކަށާއި ރާއްޖެ ތެރޭ ރަށްތަކަށް ދަތުރު ކުރެވޭނެ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކޮންމެ ރަށަކުން ވެސް 30 މިނެޓާ 40 މިނެޓުގެ ތެރޭގައި އެއާޕޯޓަށް ދެވޭ ވަރަށް ތަރައްގީ ކުރުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ.