ވިޔަފާރި

ރެސިޑެންސް މޯލްޑިވްސް ދިގުރަށް އަންނަ އަހަރު ހުޅުވަނީ

Mar 23, 2015

"ރެސިޑެންސް މޯލްޑިވްސް ދިގުރަށް" އަންނަ އަހަރު ހުޅުވާނެ ކަމަށް މި ރިސޯޓު ހިންގާ ސެނިޒާރޯ ކުންފުނިން ބުނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުތަކުގައިވާ ގޮތުން "ސެނިޒާރޯ" ކުންފުނިން ގއ. އަތޮޅުގައި ހުޅުވާ ރެސިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓު ހުޅުވަނީ އެ ކުންފުނިން 2012 ވަނަ އަހަރު ހުޅުވާފައިވާ ފަޅުމާފުށި ރިސޯޓާއި އިންވެގެންނެވެ. މި ދެ ރިސޯޓު ހަދަނީ ދިގު ބްރިޖަކުން ގުޅާލައިގެންނެވެ.

ސެނިޒާރޯ ކުންފުނީގެ ޑިރެކްޓަރު ގްރޭ ޒީ ވިދާޅުވީ ރެސިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓްގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ގިނަ ކަންތައް ތަކެއް ހިމެނިފައިވާނެ ކަމަށެވެ.

"މި ރިސޯޓުގައި ވެސް އާއިލާއާ އެކު އަންނަ ޓޫރިސްޓުންނަށް ހާއްސަ ކަންތައްތަކެއް ހިމެނިފައިވާނެ،" ގްރޭ ވިދާޅުވި އެވެ.

ގއ. އަތޮޅުގައި އޮތް އެންމެ ބޮޑު އެއް ފަޅުރަށް ކަމަށްވާ ދިގުރަށުގައި ހަދާ ރެސިޑެންސް ބްރޭންޑުގެ މި ރިސޯޓަކީ ސެނިޒާރޯ ކުންފުނިން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓެވެ. މި ރިސޯޓުގައި 173 ކޮޓަރި ހުރެ އެވެ.

ރެސިޑެންސް މޯލްޑިވްސް ރިސޯޓުތައް ތަރައްގީކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ބޮނަވިސްޓާ ހޯލްޑިން އާއި ދިވެހި ކުންފުންޏެއް ކަމަށްވާ ހޮޓެލް އެންޑް ރިސޯޓު ކޮންސްޓްރަކްޝަން ގުޅިގެންނެވެ. މި ރިސޯޓާއެކު އެ ކުންފުނިން ގއ. ކޫއްޑޫ އެއާޕޯޓު ވެސް ތަރައްގީކޮށްފައިވެ އެވެ.