ވިޔަފާރި

ޑިއުޓީ ބޮޑުވާ ބާވަތްތައް އެނގޭ ތަ؟

Mar 23, 2015

އަންނަ މަހުގެ އެކަކުން ފެށިގެން ޑިއުޓީ ބޮޑު ކުރާނެ އެވެ. އެ ބާވަތްތައް އެނގޭ ހެއްޔެވެ؟

އަންނަ މަހުގެ އެކަކުން ފެށިގެން ޑިއުޓީ ބޮޑުވަނީ މައިގަނޑު 13 ބާވަތްކުންނެވެ.

ސިނގިރޭޓުން މިހާރު ޑިއުޓީގެ ގޮތުގައި 90ލ. ނެގިނަމަވެސް އަންނަ މަހުން ފެށިގެން ސިނގިރޭޓަކުން 1.25ރ. ނަގާނެ އެވެ. އަދި ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ކުރިން 150 ޕަސެންޓް ޑިއުޓީގެ ގޮތުގައި ދެން ނަގާނީ 200 ޕަސެންޓެވެ. މީގެ އިތުރުން ތެލުގެ ބާވަތްތައް (ޕެޓްރޯލް، ޑީސަލް، ކަރާސީނު، އޭވިއޭޝަން ގޭސް) އިން މިހާރު ޑިއުޓީއެއް ނުނަގަ އެވެ. ނަމަވެސް އަންނަ މަހުން ފެށިގެން 10 ޕަސެންޓުގެ ޑިއުޓީއެއް ނަގާނެ އެވެ. އަދި ލަގްޒަރީ ކޮސްމެޓިކްސް އިން 20 ޕަސެންޓުގެ ޑިއުޓީއެއް ނަގާއިރު، އެހެނިހެން ކޮސްމެޓިކްސް ފަސް ޕަސެންޓުގެ ޑިއުޓީއެއް ނަގާނެ އެވެ.

ޑިއުޓީއަށް ގެންނަ މި ބަދަލާއެކު މިހާރު ޑިއުޓީ ނަގާ ބައެއް ބާވަތްތަކުން ޑިއުޓީ ނެގުން ހުއްޓެވެ. މި ބާވަތްކުގެ ތެރޭގައި ހިމެނެނީ ރަނުގެ މައުދަން ހިމެނެ އެވެ.މިއީ ކުރިން 25 ޕަސެންޓުގެ ޑިއުޓީއެއް ނެގި ބާވަތްތަކެކެވެ. މީގެ އިތުރުން ހިމެނެނީ ޓޫރިޒަމް ބޭނުން ތަކަށް ރާއްޖޭން ބޭރުން ގެންނަ ލަގްޒަރީ އުޅަނދު ފަހަރެވެ. މިއީ ކުރިން 25 ޕަސެންޓުގެ ޑިއުޓީއެއް ނަގަމުން އައި ބާވަތްތަކެކެވެ.

މީގެ އިތުރުން ކުރިން 30 ޕަސެންޓުގެ ޑިއުޓީއެއް ނަގަމުން ދިޔަ ހެވީ ވެހިކަލް (ފޯކްލިފްޓް، ކްރޭން، އެކްސްކަވޭޓާ ފަދަ) ތަކެތީގެ ޑިއުޓީ 50 ޕަސެންޓަށް ބޮޑުވާނެ އެވެ. އަދި މިހާރު 100 ޕަސެންޓު ޑިއުޓީގެ ގޮތުގައި ނަގަމުން ގެންދާ ފަސިންޖަރުން އުފުލާ ވެހިކަލް (ކާރު، ޖިޕް، ވޭން) ފަދަ ތަކެތީގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުވެ އެވެ. އަދި ފަސިންޖަރުން އުފުލާ އެހެނިހެން ވެހިކަލް (މޮޓޯސައިކަލް، އޮޓޯ ސައިކަލް، ބަސް ފަދަ) ތަކެތީގެ ޑިއުޓީ 150 ޕަސެންޓުން 200 ޕަސެންޓަށް ބޮޑުވާނެ އެވެ. މީގެ އިތުރުން އެއްގަމުގައި ދުއްވާ ވެހިކަލްގެ ސްޕެއާޕާޓްސްގެ ޑިއުޓީ 30 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުވާނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އާލާތްތައް (ޝީޝާ، ހޫކާ، ސްމޯކިން ޕައިޕް ފަދަ) ތަކެތީގެ ޑިއުޓީ ވަނީ 150 ޕަސެންޓުން 200 ޕަސެންޓަށް ބޮޑު ކޮށްފަ އެވެ.

ތޭރަ ބާވަތެއްގެ ޑިއުޓީ ބޮޑު ކުރިނަމަވެސް ކާބޯތަކެތިން ޑިއުޓީއެއް ނުނަގާނެ އެވެ. އެގޮތުން މިހާރު ކަނޑައެޅިފައިވާ ޓެރިފް ލައިނަށް ބަލާއިރު މި އަހަރު ރާއްޖެއަށް އެތެރެކުރާނެ ކަމަށް ލަފާކުރެވޭ ޖުމްލަ މުދަލުގެ 33 ޕަސެންޓް ނުވަތަ 10 ބިލިއަން ރުފިޔާގެ މުދަލުގެ ޑިއުޓީ ނުނަގާނެ އެވެ.

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި ޑިއުޓީއަށް މި ގެންނަ ބަދަލާއިއެކު މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ދައުލަތައް 900 މިލިއަން ރުފިޔާ ލިބޭނެ އެވެ.