ސިއްހަތު

ސަރުބީ ވިރުވާލަދޭނެ 5 ބުއިމެއް

ފަލަވުމުގެ ސަބަބުން ހަށިގަނޑުގައި ޖަހާ ސަރުބީއަކީ، ހީވާ ހީވުމުގައި ނައްތާލަން ވަރަށް އުނދަގޫ އެއްޗެކެވެ. ނަމަވެސް އެއްވެސް ކަމަކީ މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ނޫނެވެ. އަދި ކުރަން އުނދަގޫ ވާނެ ކަމެއްވެސް ނޫނެވެ. ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީއަކީ ވެސް ނައްތާލަން މަސައަކަތް ކޮށްފިނަމަ ނައްތާ ނުލެވޭނެ އެއްޗެއް ނޫނެވެ. ދެ ދުވަހުން ނަތީޖާ ހާސިލް ނުކުރެވިދާނެއެވެ. ނަމަވެސް ނަތީޖާ ފެންނާކަށް މާގިނަ ދުވަސްތަކެއް ވެސް ނުނަގާނެއެވެ. ބޭނުންވަނީ ހިތްވަރާ، ނުގުޑާ ފަދަ ވަރުގަދަ އަޒުމެކެވެ.

އެންމެ ފުރަތަމަ ކަމަކަށް ކޮންމެ ދުވަހަކުވެސް މަދުވެގެން 30 މިނެޓު ކަސްރަތު ކުރަން އާދަކުރާށެވެ. ދެދުވަހުން އެއްދުވަހުގެ އުސޫލަކުން ހަފްތާއަކު 4 ދުވަހު ނަމަވެސް ކަސްރަތު ކޮށްލެވޭތޯ ބަލާށެވެ. ދެން، މި ބުއިންތައް ބޭނުން ކުރާށެވެ. މިއީ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްލާ ހަށިގަނޑު ސާފުކޮށްދިނުމަށް އެހީރެތިވެދޭ ބުއިންތަކެކެވެ. އަދި ހަށިގަނޑުން ސަރުބީ ވިރުވުމުގައި ވެސް މިބުއިންތައް އެހީތެރިވެދެ އެވެ.

ތިރީގައި މިގެނެސްދެނީ މި ބުއިން ތައްޔާރު ކޮށްލެވޭނެ ތަފާތު ފަސް ގޮތެކެވެ. ތިރީގައި މިވަނީ 8 ތަށްޓަށް ބޭނުންވާ ވަރަށް ތަކެތި ބޭނުންވާނެ މިންވަރެވެ.

1. ޑްރެގަން ފުރުޓް ޑީޓޮކްސް ވޯޓާ

ބޭނުންވާ ތަކެތި:
1 ލުނބޯ (ދިޔަ ފެލާފައި)
1 ޑްރެގަން ފުރުޓް (ފޮތިކޮށްފައި)
1 ކިޔުކަމްބާ (ފޮތިކޮށްފައި)

އެންމެ ފުރަތަމަ ލުނބޯ ހުތު ދިޔަކޮޅު ފެންފޮދުގެ ތެރެއަށް އަޅާލާށެވެ. ދެން ކޮށާފައި ހުރި ޑްރެގަން ފުރުޓުކޮޅާ، ކިޔުކަމްބާކޮޅު އަޅާލާށެވެ. އެއަށްފަހު ރަގަޅަށް ތަޅުވާލުމުން މިބުއިން ހަދާ ނިމުނީއެވެ.

2. ވޯޓާމެލަން ސިޓްރަސް ޑީޓޮކްސް ވޯޓާ

ބޭނުންވާ ތަކެތި:
1 ޖޯޑު ކަރާ (ކިޔުބް ކޮށް ކޮށާފައި)
1 ލުނބޯ (ފޮތިކޮށްފައި)
1 އޮރެންޖް (ފޮތިކޮށްފައި)
8 ފޮތި ކިޔުކަމްބާ
1/2 ލުނބޯ ދިޔަ
1/2 އޮރެންޖު ދިޔަ

ފެން ފޮދުގެ ތެރެޔަށް ލުނބޯއާއި އޮރެންޖުގެ ދިޔަ ކޮޅު އަޅާލާށެވެ. ދެން ކަރާކޮޅާ، ލުނބޯ، އޮރެންޖް، ކަރާ، އަދި ކިޔުކަމްބާ ކޮޅު އަޅާފައި ރަގަޅަށް ތަޅުވާލާށެވެ.

3. ސިޓްރަސް އަލޯ ޑީޓޮކްސް ވޯޓާ

ބޭނުންވާ ތަކެތި:
2 އޮރެންޖް (4 ފޮތިއަށް ފޮތިކޮށްފައި)
1/2 ލުނބޯ (ހުތް ފެލާފައި)
1/4 ޖޯޑު އަލޯވެރާ ޖެލް
5 ކުދީނާފަތް

އެންމެ ފުރަތަމަ ލުނބޯ ހުތްކޮޅުގެ ތެރެއަށް އަލޯވެރާ ޖެލްކޮޅު އަޅާލުމަށްފަހު ރަގަޅަށް ގިރާލާށެވެ. ދެން ފެންފޮދުގެ ތެރެއަށް އަޅާ، އޮރެންޖު ކޮޅާ ކުދީނާފަތްކޮޅު އަޅާ ރަގަޅަށް ތަޅުވާލާށެވެ.

4. ވޯޓާމެލަން އެންޑް ސްޓޯބެރީ މިންޓް ޑީޓޮކްސް ވޯޓާ

ބޭނުންވާ ތަކެތި:
1 ޖޯޑު ކަރާ (ކިޔުބްކޮށް ކޮށާފައި)
1/2 ޖޯޑު ސްޓޯބެރީ (ކިޔުބްކޮށް ކޮށާފައި)
6 ކުދީނާފަތް (ކުޑަކޮށް މުގުރާލާފައި)

ފެންފޮތުގެ ތެރެއަށް ކަރާ، ސްޓޯބެރީ، އަދި ކުދީނާފަތްކޮޅު އަޅާ ތަޅުވާލާށެވެ.

5. ކްލޭސިކް ކިޔުކަމްބާ ވޯޓާ

ބޭނުންވާ ތެކެތި:
1 ޖޯޑު ކިޔުކަމްބާ (ފޮތިކޮށްފައި)

ފެންފޮދުގެ ތެރެއަށް ކިޔުކަމްބާ ކޮޅު އަޅާ ރަގަޅަށް ތަޅުވާލާށެވެ.

ކަސްރަތު ކުރުމަށްފަހު މި ބުއިން ބޭނުންކުރާނަމަ ވަރަށް އަވަހަށް ނަތީޖާ ފެންނާނެ އެވެ. ފަލަ މީހުން ނޫން މީހުންވެސް ރަގަޅު ސިއްހަތެއްގައި ހަށިގަނޑު ބެހެއްޓުމަށްޓަކައި މި ބުއިން ބޭނުންކުރެވިދާނެ އެވެ. މިއީ ހަށިގަނޑަށް އެކި ގޮތްގޮތުން ގިނަ ގުނަ ފައިދާ ތަކެއް ކުރާ ބުއިމެކެވެ.