ފަލަސްތީން

ފަލަސްތީނުގެ ރައީސް އެމެރިކާއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

Mar 11, 2017

ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް ވަރަށް އަވަހަށް ޒިޔާރަތްކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ދައުވަތު ދެއްވައިފި އެވެ.

ބީބީސީ ބުނީ ޓްރަމްޕް އެ ދައުވަތު ދެއްވީ ހުކުރު ދުވަހު އައްބާސްއާ ފޯނުން ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ. ހުކުރު ދުވަހު ކުރެއްވި ފޯން ކޯލަކީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ފަލަސްތީނުގެ އިސް ބޭފުޅަކާ ޓްރަމްޕް ކުރެއްވި ފުރަތަމަ މުއާމަލާތެވެ.

ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ މިދިޔަ ފެބްރުއަރީ މަހު ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ބައްދަލު ކުރައްވާފަ އެވެ. މެދު އިރުމަތީގެ މައްސަލަ ހައްލު ކުރުމަށް އެމެރިކާއިން ގެންގުޅެމުން އައި "ދެ ދައުލަތް އޮންނަ ސިޔާސަތު" ދޫކޮށްލެއްވިކަން ޓްރަމްޕް އިއުލާން ކުރެއްވީ އެ ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ. ޓްރަމްޕް އެކަން އިއުލާން ކުރެއްވުމުން ފަލަސްތީނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓްރަމްޕާއި އައްބާސް ބައްދަލު ކުރައްވާ އިރު މަޝްވަރާ ކުރައްވާނީ ފަލަސްތީނު އިސްރާއީލު ސުލްހައިގެ ވާހަކަތައް އަލުން ފަށާނެ ގޮތަކާ ބެހޭ ގޮތުން ކަމަށް އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ބީސީއަށް ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވެފައި ވަނީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ހަގީގީ ސުލްހައެއް ގާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވަން ހުންނެވިކަން ފޯންކޯލްގައި ޓްރަމްޕް ފާޅުކުރެއްވި ކަމަށެވެ. - ބީބީސީ