ބޮލީވުޑް

ސާރާ ފުރަތަަމަ ފިލްމު ކުޅެން ބޭނުންވަނީ ރަންވީރާ އެކު

Mar 13, 2017

އެކްޓަރު ސައިފް އަލީ ޚާން އާއި ކުރީގެ މަޝްހޫރު ބަތަލާ އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަ ވާހަކަ ދެކެވޭތާ ލައްކަ ދުވަސްވެއްޖެ އެވެ.

މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ބެލުމުގެ ދަށުން ސާރާ ބޮލީވުޑަށް ނިކުންނަށް ތައްޔާރުވަމުން އަންނައިރު އޭނާ އަށް އެހެން ޑައިރެކްޓަރުންގެ ފިލްމުތަކުން ވެސް ވަނީ ފުރުސަތުތައް ލިބިފަ އެވެ.

އޭގެ ތެރޭގައި ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ގަލީ ބޯއިސް" ހިމެނެ އެވެ. އެ ފިލްމުގެ ލީޑްރޯލުގައި ރަންވީރު ސިންގް އާއެކު ސާރާ ހިމަނަން ޒޯޔާ ބޭނުންވެ، ސާރާ އަށް ހުށަހެޅި ކަމުގެ އަޑުތަކެއް އެރި ނަމަވެސް އެންމެފަހުން އެ ރޯލު ހުށަހަޅާފައިވަނީ ބަތަލާ އާލިއާ ބަޓް އަށެެވެ.

ކަރަންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ދަރްމާ ޕްރޮޑަކްޝަން ކުންފުނިން ސާރާ ބޮލީވުޑަށް ނެރެން ތައްޔާރުވަމުން އަންނައިރު، ފިލްމީ ދާއިރާ އަށް ނިކުންނަ ބޭނުންވާ ތަރިންނާ ހިލާފަށް ސާރާ ބޮލީވުޑްގެ އެއްވެސް ޚާނަކާ އެކު ފުރަތަމަ ފިލްމު ކުޅޭކަށް ބޭނުމެއްނުވެ އެވެ. ސާރާ ބޭނުންވަނީ އެންމެ ފުރަތަމަ ޒުވާން އެކްޓަރު ރަންވީރާ އެކު ފިލްމެއް ކުޅޭށެވެ.

ރަންވީރު މީގެ ހަތް އަހަރު ކުރިން ބޮލީވުޑަށް ނިކުތް ފަހުން ސާރާ އަށް އެންމެ ކަމުދާ އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކީ އޭނާ އަށް ވުމުން އެންމެފުރަތަމަ އޭނާ ފިލްމު ކުޅެން ބޭނުންވާ އެއް ތަރިއަކީ ރަންވީރެވެ.

ރަންވީރާ އެކު ފުރަތަމަ ފިލްމު ކުޅެން ސާރާ ބޭނުންވި ނަމަވެސް އޭނާ އަކު ފުރަތަމަ ފިލްމެއްގެ ގޮތުގައި ފެނިގެން ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ. ސަބަބަކީ ސާރާ ބޮލީވުޑަށް ނިކުންނަނީ ކަރަންގެ ކުޑަގެ ދަށުން ކަމަށްވެފައި، ރަންވީރަކީ ޔާޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން ފިލްމީ ދާއިރާ އަށް ނިކުމެފައިވާ ތަރިއަކަށްވާތީ އެވެ. ކަރަންގެ ފިލްމުތަކުގައި އޭނާ ބަތަލުގެ ރޯލު ހުށަހަޅަނީ އޭނާގެ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ ފިލްމުތަކުގައި ފެނިގެންދާ ތަރިންނެވެ. މިހާތަނަށް ކަރަންގެ ފިލްމަކުން ރަންވީރު ފެނިގެން ގޮސްފައިނުވާތީ ސާރާގެ ފުރަތަމަ ފިލްމުގައި އޭނާ އާއެކު ރަންވީރު ފެނިގެންދާނެހެން ހިޔެއްނުވެ އެވެ.

މިފަހުން ސާރާގެ ބައްޕަ، ސައިފް ވަނީ އޭނާގެ ދަރިފުޅު ބޮލީވުޑަށް ނެރުމުގެ މަސައްކަތް ކަރަން ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ސާރާ ބޮލީވުޑަށް ނިކުންނަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ މިހާ ދުވަސްވީއުރުވެސް އޭނާގެ ފުރަތަމަ ފިލްމުގެ މަސައްކަތް ފަށާނެ ދުވަހަކާ ބެހޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެ އެވެ.