ހަބަރު

"ސްނައިޕަރު" ގެ ޝަރީއަތް އަވަސްކޮށްދޭން ލަންކާއިން އެދިއްޖެ

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެއަށް އައި "ސްނައިޕާ" އެއް ކަމަށް ތުހުމަތުކޮށް 2015 ވަނަ އަހަރު ރާއްޖޭގައި ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ލަހިރު މަދުޝަންކަގެ ޝަރީއަތް އަވަސްކޮށްދޭން ލަންކާއިން ދިވެހި ސަރުކާރުގައި އެދިއްޖެ އެވެ.

ލަންކާ ފޮރިން މިނިސްޓްރީގެ ގާނޫނީ ކަންކަމާ ބެހޭ ބައިގެ ޑައިރެކްޓަރު ސީ އޭ އެޗް އެމް ޗިޖެރަތުނަ ވިދާޅުވި ކަމަށް ބީބީސީ ސަންދެޝަޔަ (ބީބީސީ ސިންހަޅަ) އިން އިއްޔެ ބުނީ މަދުޝަންކަގެ މައްސަލައިގައި އެގައުމުގެ ފޮރިން މިނިސްޓަރާއި ފޮރިން ސެކްރެޓަރީ ރާއްޖޭގެ އިދާރާތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި އޭނާގެ ޝަރީއަތް އަވަސްކުރުމަށް މަސައްކަތް ކޮށްދޭން ދިވެހި ސަރުކާރުގައި އެދިފައިވާ ކަމަށް ވެސް ވިޖެރަތުނަ ވިދާޅުވެފައިވެ އެވެ. އޭނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ މަދުޝަންކަ އަނބުރާ ލަންކާއަށް ގެންދެވޭތޯ މަސައްކަތް ކޮށްދިނުމަށް އޭނާގެ އަންހެނުން ލަންކާ ސަރުކާރުގައި އެދުނު އެދުމާ ބެހޭ ގޮތުން ދެއްވި އިންޓަވިއުއެއްގަ އެވެ.

މަދުޝަންކަގެ އަންހެނުން ޗާންދަނީ މަދުރަންގާ ޖަޔަތުންގާ ބީބީސީއަށް ބުނެފައިވާ ގޮތުގައި މަދުޝަންކަ ލަންކާއަށް އަނބުރާ ގެންދަން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން އޭނާ ވަނީ ފޮރިން މިނިސްޓްރީގައި އެދިފަ އެވެ. އޭނާ ބުނެފައި ވަނީ އޭނާގެ ފިރިމީހާ ރާއްޖެއަށް ދިޔައީ ވަޒީފާއަކަށް ކަމަށާއި އެހެން ނަމަވެސް އެޖެންޓާ ދިމާ ނުވުމުން އުޅުނީ އަނބުރާ ލަންކާއަށް އަންނަން ކަމަށެވެ.

މަދުޝަންކަ ރާއްޖޭގައި ހައްޔަރުކޮށްފައި ވަނީ ފުރަން ގޮސް އެއާޕޯޓްގައި ހުއްޓައި އޮކްޓޯބަރު 2015 ގަ އެވެ. މި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ދެ ދިވެއްސަކަށް ވެސް ވަނީ ދައުވާކޮށް ޝަރީއަތް ފަށާފަ އެވެ.