ހަބަރު

މިދިޔަ މަހު އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހުގެ ތެރޭގައި އެއް ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މީރާއިން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީ އަކީ އެ އޮތީރިޓީއަށް ލިބޭނެ ކަމަށް ލަފާކުރި، އަދަދަށް ވުރެ 15.2 ޕަސަންޓު އިތުރު އަދަދެކެވެ. ނަމަވެސް މިއީ، މިދިޔަ އަހަރުގެ ފެބްރަވަރީ މަހުގެ އާމްދަނީ ގޮތުގައި ލިބިފައިވާ އަދަދަށް ވުރެ މަދު އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރު ފެބްރުއަރީ މަހު އާމްދަނީ އިތުރުވެފައި ވަނީ ލޭންޑް އެކުއިޒިޝަން އާއި ކޮންވާޝަން ފީ އާއި ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ ގޮތުގައި ގިނަ އަދަދެއް ފައިސާ ލިބިފައިވާތީ ކަމަށް މީރާއިން ބުންޏެވެ.

އެގޮތުން މިދިޔަ މަހު ލިބުން އާމްދަނީގެ 638.83 މިލިއަން ރުފިޔާ ހިއްސާ ކުރަނީ ޖީއެސްޓީން އެވެ. ދެން އެންމެ ބޮޑު ބައެއް ހިއްސާ ކުރާ، ބީޕީޓީގެ ގޮތުގައި 136.85 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 64.52 މިލިއަން ރުފިޔާ އާއި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 45.99 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ.