ބޮލީވުޑް

"ޖައްގާ ޖާސޫސް" ދެން ރިލީޒްކުރާނީ ޖުލައިގެ ފަހުން

Mar 14, 2017

ޒުވާން ދެ އެކްޓަރުން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ރުޅިވިފަހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ޖައްގާ ޖާސޫސް" ގެ ބޮކްސް އޮފީހުގެ ކުރިމަގާ މެދު އެއްޗެއް ބުނާކަށް އަދި ނޭނގެ އެވެ. ނަމަވެސް ފާއިތުވި ދެ އަހަރުން ފެށިގެން އުފައްދަމުން އަންނަ މި ފިލްމު ރިލީޒްނުކުރެވި ލަސްވަމުންދާތީ ފިލްމު ސިނަމާތަކާ ހަމަޔަށް އަންނާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އަނޫރާގް ބާސޫ ޑައިރެކްޓްކޮށް، އޭނާ އާއި ރަންބީރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ޝޫޓިން ނުނިމި ދިގު ލައިގެން ގޮސްފައިވާއިރު ފިލްމަށް ދިމާވަމުން އަންނަ މައްސަލަތަކަށް ނިމުމެއް އަންނަ ގޮތެއް ނުވެ އެވެ.

ރަންބީރު އާއި ކެޓްރީނާ ރުޅިވެ ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަތަކުގެ ސަބަބުން، ފިލްމުގެ ބައެއް މަންޒަރުތައް އަދިވެސް ނަގައި ނުނިމޭއިރު ފިލްމު ރިލީޒްކުރާ ދުވަސް އަނެއްކާ ވެސް މިވަނީ ލަސްކޮށްފަ އެވެ.

ކުރިން އަންނަ މަހުގެ 7 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ފިލްމުގެ ބައެއް މަންޒަރުތައް އަދިވެސް ނަގައި ނުނިމޭތީ ޖުލައިގެ ފަހުން ފިލްމު ރިލީޒްކުރަން ނިންމާފައިވާ ކަމަށްވެ އެވެ.

މި ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ފިލްމުގެ މަސައްކަތް އަދިވެސް މުޅިން ނުނިމޭތީ ރިލީޒްކުރާނެ ތާރީހެއް އަދި ވަނީ ނުނިމިފަ އެވެ.

ބުނެވޭ ގޮތުގައި ރަންބީރާއި ކެޓްރީނާގެ ދެމެދުގައި ޖެހުނު މައްސަލަތައް އަދިވެސް ހައްލުނުވާއިރު އެ ދެމީހުން ތިބީ އަލުން ފިލްމުގެ ބާކީ މަންޒަރުތައް ޝޫޓްކުރާ މޫޑެއްގައެއް ނޫނެވެ.

"ޖައްގާ ޖާސޫސް" ގެ ޝޫޓިންގެ ތެރޭގައި ކެޓްރީނާ އަށް މިދިޔަ ހަފްތާގެ ތެރޭގައި އަނިޔާވެ ވަނީ ބެޑް ރެސްޓްކުރުމަށް ޑޮކްޓަރުން ލަފާދީފަ އެވެ.

ރަންބީރު މިހާރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަންޒަރުތައް ނަގަމުން އަންނައިރު، މި މަހުގެ ތެރޭގައި ކެޓްރީނާ، ސަލްމާން ޚާން އާއެކު ކުޅޭ ފިލްމު "ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ވެސް ފަށާނެ އެވެ.