ދުނިޔެ

އަފްޣާނިސްތާނުގައި އަންހެނަކު މަރާލައި އަންދާލީ މުއްލާއަކާ ދެބަސްވުމުން

Mar 24, 2015
1

މިދިޔަ ހަފުތާގައި އަފްޣާނިސްތާނުގައި އަންހެނަކު ގުރުއާން މުސްހަފެއް އެންދި ކަމަށް ބުނެ އޭނާ އަށް ބަޔަކު މީހުން އަނިޔާކޮށް މަރާލުމަށް ފަހު ހަށިގަނޑުގައި ހުޅުޖެހީ، ގުރުއާން އަންދައިގެން ނޫން ކަމަށާއި ޒިޔާރަތެއްގައި އިންނަ މުއްލާއަކު ފައިސާ އަށް ސިހުރު ހަދައިދޭތީ އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމުން ކަމަށް މަންޒަރު ދުށް މީހުން ބުނެފި އެވެ.

ފަރްޚަންދް ނަމަކަށް ކިޔާ 28 އަހަރުގެ އަންހެން މީހާ އަށް އާންމުން ބައިވެރިވެގެން ހަމަލާދޭން ފެށީ އަންހެނުންނަށް ސިހުރު ހަދައިދޭ މީހާ އެކަމަށް ފައިސާ އަތުލާތީ އެކަމާ ބެހޭ ގޮތުން އުފެދުނު ދެބަސްވުމެއްގެ ތެރޭގައި ފަރްޚަންދަކީ ގުރުއާން އަންދާފައިވާ މީހެއް ކަމަށް ބުނި ހިސާބުން ކަމަށްވެ އެވެ.

ހާދިސާ ހިނގި އިރު އެތަނުގައި ތިބި ފުލުހުން ވެސް ބުނީ ފަރްޚަންދު ގުރުއާން އެންދި ކަމަށް ބުނުމުން އެކަން ނުކުރާ ކަމަށް ބުނި ކަމަށެވެ.

"ތިމަންނާ އަކީ ވެސް މުސްލިމެކޭ. މުސްލިމަކު ގުރުއާނެއް ނާންދާނެއޭ އޭނާ ބުނި. އެކަަމަކު އެއްވެސް މީހަކު އެ އަޑު ނާހައި އަނިޔާކޮށް މަރާލީ،" ހާދިސާ ހިނގި ތަނުގައި ހުރި ފުލުހަކު ބުންޏެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ގޮތް ތަހުގީީގުކޮށް ބެލި އިރު ފަރްޚަންދުގެ އެއްވެސް ކުށެއް ނެތް ކަމަށެވެ. އޭނާގެ މަރާ ގުޅިގެން 18 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އަދިވެސް އިތުރު ބަޔަކު ހައްޔަރުކުރަން ޖެހޭ ކަމަށެވެ. މި މައްސަލާގައި ވަނީ 13 ފުލުހަކު ވެސް ސަސްޕެންޑް ކޮށްފަ އެވެ.

ފަރްޚަންދުގެ ޖަނާޒާގެ ހުރިހާ ކަމެއް އަންހެނުން ކޮށް، އޭނާގެ ސަންދޯއް ވެސް އުފުލާފައި ވަނީ އަންހެނުންނެވެ. އިއްޔެ ވަނީ ކުށެއް ނެތި ފަރްޚަންދު މަރާލި މައްސަލަ ކުށްވެރިކޮށް އަފްޣާނިސްތާނުގައި މުޒާހަރާ ކޮށްފަ އެވެ. -- ބީބީސީ