ވިޔަފާރި

އެސްޓީއޯގެ މަސައްކަތުން މިފްކޯ ކޮޅަށް ނަގައި، ފައިދާ ހޯދުމާ ދިމާލަށް

  • މަސްވެރިންގެ ދަރަނިތައް ހަލާސްކޮށްފި
  • އެސްޓީއޯއިން ހަވާލުވި އިރު މިފްކޯ ވަނީ ހާލުގައިޖެހިފައި
  • ފައިދާ ނެރެވޭނެ އިންވެސްޓްމަންޓްތަކަކާ ދިމާލަށް

ގައުމީ މަސްކުންފުނި، މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލު ކުރުމާ އެކު، މިފްކޯގެ ދަރަނީގެ ބޮޑު ބައެއް ހަލާސްކޮށް ކުންފުނި ރިސްޓްރަކްޗާ ކުރުމާ އެކު މިފްކޯ އަކީ މިހާރު ހަރަދު ދެކޮޅު ޖެހޭ ކުންފުންޏަކަށް ބަދަލުކުރެވިފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަހީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ އެކުންފުނީގެ ދަަަށަށް މިފްކޯ ބަދަލު ކުރިއިރު މަސްވެރިންނަށް ހަ މިލިއަން ރުފިޔާ އާއި އެސްޓީއޯއިން ވިއްކި ތެލަށް މިފްކޯއިން ދޭން ޖެހޭ 100 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. އެ ފައިސާ ސަރުކާރުން ވަނީ އެ ކުންފުންޏަށް ހަމަޖައްސައިދީފައިކަން އެމްޑީ ފާހަގަ ކުރެއްވި އެވެ.

އެކުންފުނީގެ ދަށަށް މިފްކޯ ބަދަލުކުރި އިރު ޖުމްލަ ދަރަނި 338 މިލިއަނަށް އަރަ އެވެ. މަސްވެރިންނަށް ދޭން ހުރި ފައިސާ އާއި އެސްޓީއޯއަށް ދައްކަން ހުރި ފައިސާ ދެއްކުމުން، މިފްކޯގެ މިހާރުގެ ދަރަނި 200 މިލިއަނަށް ވަނީ ތިރިވެފަ އެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ބެލީ މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާ ދެއްކޭތޯ. އެގޮތުން ހަމަ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މަސްވެރިންނަށް ދޭންވާ ފައިސާ ދީފިން. މިހާރު ހަމަ އޮންނަ އުސޫލުން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން މިދަނީ،" ޝަހީރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މިހާރު މަސްވެރިންގެ ފަރާތުން އެކުންފުންޏަށް ރަނގަޅު ކޮމެންޓްތަކެއް ލިބެމުން އަންނަ ކަމަށާއި މަސްވެރިންގެ ބޮޑެތި ނުރުހުންތަކެއް އެ ކުންފުންޏަށް މިހާރު ނެތްކަން ޝަހީރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އެސްޓީއޯއިން ހަވާލުވި އިރު މިފްކޯއިން ދައްކަން ވެފައި ހުރި ގިނަ ލޯނުތަކެއްގެ މުއްދަތު ހަމަވެފައި ހުރި ކަމަށާއި މިފްކޯގެ ސަޕްލަޔަރުންނަށް ވެސް ގިނަ އަދަދެއްގެ ފައިސާ ނުދެއްކި އޮތްކަން ޝަހީރު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ވާނީ މަސްވެރިންނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައި. ސަރުކާރުން އެސްޓީއޯ އާއި މިފްކޯ ހަވާލުވެކޮށްފައި ވަނީ ނެޓް ދަރަނި ޕޮޒިޓިވް ކުުރުމަށްފަހު. އޭގެ މާނައަކީ ސަރުކާރުން އެއާމެދު ގޮތެއް ހައްދަވާ ދެއްވާފައި." ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއާ ހަވާލުވި ފަހުން މަސްވެރިންނަށް ފައިސާ ދިނުމުގައި މައްސަލަތަކެއް ނޫޅޭނެ ކަމުގެ ޔަގީންކަން މިފްކޯގެ އެމްޑީ އަދްލީ އިސްމާއިލް ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ދެއްވި އެވެ. އަދި އެސްޓީއޯއާ ހަވާލުވި ފަހުން، ބޭންކިންގެ ސަބަބުން އަންނަ ދަތިތަކެއް ފިޔަވައި މަސްވެރިންނަށް ފައިސާ ދިނުމުގައި މިހާރު ލަސްތަކެއް ނޫޅޭކަން އަދުލީ ފާހަގަ ކުރެއްވި އެވެ.

ޝަހީރު ވިދާޅުވީ މިފްކޯއާ ހަވާލުވެ ކަންކަން ބެލިއިރު، އެ ކުންފުނީގެ ދަށުގައި ހުރި ބައެއް ފެކްޓްރީތަކާއި އައިސްޕްލާންޓްތައް އަދި ބޯޓުތައް ވެސް ހުރީ މަރާމާތަށް ބޭނުންވެފަ އެވެ. އަދި ފެލިވަރު ކޭނިން ފެކްޓްރީގެ ކެޕޭސިޓީ 50 ޓަނަށް އިތުރުކޮށްފައިވާކަން ފާހަގަ ކުރައްވައި ޝަހީރު ވިދާޅުވީ، ފެކްޓްރީ ހިންގުމަށް ހުރި އެހެނިހެން އިންފްރާސްޓްރަކްޗާތައް ހުރީ ބާވެފައި ކަމަށެވެ. އަދި ކޫއްޑޫގެ އައިސްޕްލާންޓް ވެސް އޮތީ މަރާމާތަށް ބޭނުންވެފައި ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އެސްޓީއޯ އިން ހަވާލުވި އިރު މިފްކޯގެ އެންމެ އައިސްޕްލާންޓެއް ފިޔަވާ އެހެން ހުރިހާ ޕްލާންޓެއް ހުއްޓިފައި ހުރިކަން ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް އެސްޓީއޯއިން ހަވާލުވި ފަހުން، 11 އައިސްޕްލާންޓްގެ ތެރެއިން މިހާރު 10 އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

މިގޮތަށް މިކަންކަން ދިމާވީ، މިފްކޯ ތިން ކުންފުންޏަށް ބައިކޮށް ކޮންމެ އޮޕަރޭޝަނެއް ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގުމުގެ ސަބަބުން މިފްކޯއަށް އައި ހީނަރުކަމުގެ ސަބަބުން ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

"އެސްޓީއޯއިން ބޮޑެތި މަސައްކަތްތަކެއް ކޮށް އިންވެސްޓްމަންޓްތަކެއް ކޮށްގެން މިފްކޯ ކޮޅަށް މިޖަހަނީ. މިކަމުގައި އެސްޓީއޯއިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ވެސް އެބަ ކުރަން މިފްކޯއިން ފައިދާ ނެރުމަށް. އަޅުގަނޑުމެން ކުރާ މަސައްކަތުގެ ކާމިޔާބީ އެބަ ފެނޭ. މިފްކޯގެ ވިޔަފާރި ރަނގަޅުވަމުން އަންނަތަން އެބަ ފެނޭ،" ޝަހީރު ވިދާޅުވި އެވެ.

މިއަހަރުގެ ރައްޔިތުން މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައި ވަނީ މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުުރުމުގެ އޭގެ ފައިދާ މަސްވެރިންނަށް މިހާރު ވެސް ލިބެން ފަށާފައިވާ ކަމަށާއި އެ ކުންފުންޏަކީ ފައިދާ ހުރި ކުންފުންޏަކަށް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި މަސްކިރުވުމަށް ފަހު މަސްވެރިންނަށް ވަގުތުން މިހާރު ފައިސާ ލިބޭނެ އިންތިޒާމް ވެސް މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުވުމާ އެކު ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.