ވިޔަފާރި

މިފްކޯގެ އާ އަމާޒަކަށް މަހުގެ އުފެއްދުންތަކުގެ އެކްސްޕޯޓް އިތުރުކުރުން

މިފްކޯގެ މިހާރުގެ އަމާޒަކީ ފިނި ކުރި މަސް އެކްސްޕޯޓު ކުރުމުގެ ބަދަލުގައި މަހުން އެކި އެކި އުފެއްދުންތައް ތައްޔާރުކޮށް އެތަކެތި ބައިނަލް އަގްވާމީ ބާޒާރަށް ނެރޭ މިންވަރު އިތުރު ކުރުން ކަމަށް އެކުންފުނިން ބުނެފި އެވެ.

މިފްކޯ މިހާރު ހިންގާ މައި ކުންފުނި، އެސްޓީއޯ އިން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މަހުން އުފައްދާ އުފެއްދުންތައް އިތުރުކުރުމަކީ ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ބާނާ މަހަކީ ބޭރު ދުނިޔޭގައި އަގު ބޮޑު މަހެއްކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަސްދަޅު އެކްސްޕޯޓް ކުރާ މިންވަރު އިތުރުކޮށްގެން ރަނގަޅު ނަފާއެއް ލިބޭނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަހަކީ އަސްލުގައި ޕްރީމިއަމް ލިބޭ އެއްޗެއް. ހާއްސަކޮށް ކޭން މަހަކީ ޕްރީމިއަމެއް ލިބޭ ޕްރޮޑަކްޓެއް. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ފްރޯޒެން މަސް ބޭރުކުުރުމުގެ ބަދަލުގައި ބޮޑަށް ވެލިއު އެޑިޝަން ހެދޭތޯ. މިހާރު އެެހެން ނަމަވެސް ކަންތައްތައް ހުރި ގޮތުން އަޅުގަނޑުމެންގެ ބޮޑު ބަޔަކީ ފްރޯޒަން މަސް." ޝަހީރު ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ ފިނި ކުރި މަސް އެކްސްޕޯޓް ކުރުމުން ބައިނަލް އަގްވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލުގެ ފައިދާ މިފްކޯއަކަށް ނުހޯދެ އެވެ. އަދި މަހުގެ އަގު މަތިކޮށްގެން ފައިދާ ނެރުމަށް ހުންނަ ދޮރުތައް ބަންދުވާ ކަމަށް ޝަހީރު ވިދާޅުވި އެވެ. އެހެންވުމުގެ ސަބަބުން މަސްވެރިންނަށް އެންމެ ރަނގަޅު އަގެއް ނުދެވޭ ކަމަށްވެސް ޝަހީރު ވިދާޅުވި އެވެ.

މަހުގެ އުފެއްދުންތައް އިތުރުކުރަން މިހާރުވެސް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން ޕައުޗް ލައިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ޕައުޗް ލައިން އުފައްދާ އެކްސްޕޯޓް ކުރަން ފެށޭނެ ކަމަށެވެ.

މިފްކޯއިން ޕައުޗްލައިން އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދަނީ ބޭރުން އޯޑަރު ތަކެއް ލިބިފައިވާތީކަން ފާހަގަ ކުރައްވައި ޝަހީރު ވިދާޅުވީ ޕައުންޗް ޕްލާންޓުން އުފައްދާ އުފެއްދުން އެކްސްޕޯޓް ކުރުމުގެ ޔަގީންކަން ހޯދަން ސަޕްލްޔަރުންނާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.

"ޕައުޗް ލައިނުން މި ބަންދުކުރީމަ ވާގޮތަކީ އަޅުގަނޑުމެން ބާނާ މަހުގެ ތެރޭގައި ވަރަށް ގިނަ ކަންނޭނގެ ސައިޒު ކުދި މަސް. އެމަހަކަށް ރަނގަޅު އަގެއް ނުލިބޭ. ކޭން ކުރުމުގައިވެސް ވަކިވަރަކަށްވުރެ ކުދި ކަމަށް ވަންޏާ އިކޮނިމިކް ވެލިއުއެއް ނުލިބޭ. އެހެންވީމަ ޕައުޗްލައިން ހެދުނީމަ ޕައުޗުގައި ކުދި މަސްވެސް ބަންދުކުރެވޭނެ." ޝަހީރު ވިދާޅުވި އެވެ. އަދި އެއީ އާ މާކެޓްތަކަށް ވަނުމަށް ފުރުސަތު ލިބޭނެ ކަމެއް ކަމަށްވެސް ޝަހީރު ވިދާޅުވި އެވެ.