ހަބަރު

ސިނގިރޭޓް އެތެރެކުރި އަދަދު އިތުރުވެ އާމްދަނީއަށް ކުރިއެރުން

މިދިޔަ މަހު ރާއްޖެއަށް އެތެރެ ކުރި ސިގިރޭޓްގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެ، ޑިއުޓީ ކަސްޓަމްސްއަށް ލިބުނު އާމްދަނީއަށް 94 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ކަސްޓަމްސްއިން މިއަދު އާންމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ރާއްޖެއަށް 2.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވީ، ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި 3.1 ބިލިއަން ރުފިޔާގެ މުއްދާ އެތެރެކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަސް ތެރޭގައި އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 333 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ. އެއީ މިދިޔަ އަހަރު ފެބްރުއަރީ މަހާ އަޅާބަލާފައި 94 ޕަސަންޓުގެ އިތުރުވުމެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ މަހު އިމްޕޯޓް ޑިއުޓީ ގޮތުގައި ލިބުނު އަދަދު އިތުރުވެފައި ވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ބަދަލު ގެނެސް ސިނގިރޭޓުގެ އަގު ބޮޑު ކުރުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުން ފެށުމާ ގުޅިގެން، ކުންފުނިތަކުން ގިނަ އަދަދަކަށް ސިނގިރޭޓު އެތެރެކޮށްފައިވާތީ ކަމަށެވެ.

މިދިޔަ މަސް ތެރޭގައި ގިނަ އަދަދަކަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ހާމަވެފައިވީ ނަމަވެސް ސިނގިރޭޓު ވިއްކާ ކުންފުނިތަކުން ވަނީ ސިނގިރޭޓު ވިއްކާ މިންވަރު ކޮންޓްރޯލްކޮށްފަ އެވެ. އަދި ފިހާރަތަކަށް ވެސް ވަކި މިންވަރަކަށް ސިނގިރޭޓު ވިއްކަން ފެށުމާ ގުޅިގެން ގިނަ ބަޔަކު އެކަމާ ކަނބޮޑުވުން ފާޅުކޮށް އެ ކުންފުނިތަކުން ނާޖާއިޒް ފައިދާ ނަގާ ކަމަށް ތުހުމަތުކޮށްފައި ވެސްވެ އެވެ. އަދި ސިނގިރޭޓު ވިއްކާ ފިހާރަތަކުގެ ކައިރީގައި ބޮޑެތި ކިއުތަކުގައި ސިގިރޭޓް ގަތުމަށް ހެދި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެތެރެ ކުރި މުދަލުގެ 18 ޕަސަންޓަކީ ޗައިނާއިން އެތެރެކޮށްފައިވާ މުދަލެވެ. އަދި 16 ޕަސަންޓު މުދާ ޔުނައިޓަޑް އަރަބް އެމިރޭޓްސް އިން އެތެރެ ކުރި އިރު 12 ޕަސަންޓު މުދާ އެތެރެ ކުރީ އިންޑިޔާ އާއި ސިންގަޕޫރުންނެވެ.

އޭގެ އިތުރުން މިދިޔަ މަހު ރާއްޖެއިން 373 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާ އިރު ނޫނީ، އެކްސްޕޯޓުކޮށްފައިވާ އިރު އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 12 ޕަސަންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 334 މިލިއަން ރުފިޔާ އެވެ.