ވިޔަފާރި

މިފްކޯއަށް ގެއްލިފައިވާ ބޭރުގެ މާކެޓް އަލުން ހޯދޭނެ: ޝަހީރު

މިފްކޯއަށް ގެއްލިފައިވާ އެކުންފުނީގެ ބައިނަލް އަގްވާމީ ބައެއް ކަސްޓަމަރުންގެ ފަރާތުން އޯޑަރުތައް ވަރަށް އަވަހަށް އަނބުރާ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ. އެކުންފުނިން މިހާރު ވަނީ އެކަމަށް ބޭނުންވާ އޮޑިޓެއް ހަދައި ފާހަގަ ކުރެވުނު ކަންކަން ގާތްގަނޑަކަށް ރަނގަޅުކޮށްފަ އެވެ.

މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ކަސްޓަމަރުން ބޭނުންވާ ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ހުރި ކަމަށާއި އެކަންކަމާ ގުޅިގެން އޮޑިޓް ކޮމްޕްލޭންސް އެއް ހަދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ހަވާލުވިއިރު ވަނީ އަޅުގަނޑުމެންގެ ބަޔަރުންގެ އިތުބާރު އަޅުގަނޑުމެންނަށް ގެއްލިފައި. އަދި ބަޔަރުން ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް އެބަޖެހޭ ރަނގަޅު ކުރަން. އެކަމަށް ވަނީ އޮޑިޓްތަކެއް ހެދިފައި." ޝަހީރު ވިދާޅުވި އެވެ. "މާގިނަ ދުވަހެއް ނުވެ އަޅުގަނޑުމެންގެ ބަޔަރުންގެ އޮޑިޓް ޓީމް މިކޮޅަށް އައިސް އޮޑިޓް ކުރެވި ފުލް ކެޕޭސިޓީގައި ހިންގޭވަރަށް އޯޑަރުތައް ލިބެން ފަށާނެ. އަދި އިތުރު އާ އިންކުއަރީސްތައްވެސް ވަނީ ލިބެން ފަށާފައި."

އެސްޓީއޯ އިން މިފްކޯ އާ ހަވާލުވި އިރު އޮޕަރޭޝަންގައި އޮތީ ފަސް ވަރަކަށް އައިސް ޕްލާންޓްކަމަށާއި ނަމަވެސް މިހާރު އެންމެ ޕްލާންޓެއް ފިޔަވާ ހުރިހާ ތަނަކުން ހިދުމަތް ދެމުން އަަންނަކަމަށް ވިދާޅުވި އެވެ. އަދި މިފްކޯގެ ހުރިހާ ސައިޓެއްގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށް ވަކި ޓީމްތައް ހަދާ އެސެސްމެންޓްތަކެއް ދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިބަލަނީ ޕްރައިވަޓައިޒްކޮށް މިހާރުން މިހާރަށް އެންމެ އަވަހަށް ރަނގަޅުކުރަން ޖެހެނީ ކޮން ފެސިލިޓީތަކެއްތޯ ބަލައި އެތަންތަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން." ޝަހީރު ވިދާޅުވި އެވެ.

ޝަހީރު އިތުރަށް ވިދާޅުވީ އެސްޓީއޯ އިން މިފްކޯ އާ ހަވާލުވިއިރު ފެލިވަރުގައި ހުރީ 15 މެޓްރިކްސް ޓަނުގެ ކޭނިން ކެޕޭސިޓީ ކަމަށާއި މިހާރު އެ އަދަދު 50 އަށް އަރާފައިވާ ކަމަށެވެ. އެސްޓީއޯ އިން މިހާރުވަނީ މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައިވެސް ފަސޭހަވާނެ ގޮތްތަކެއް ގާއިމްކޮށްދީފަ އެވެ.