ދުނިޔެ

މި ފޮޓޯގަނޑުގެ ވާހަކަ އެނގޭތަ؟

މިއީ ނިކަން މަޝްހޫރު ފޮޓޯގަނޑެއް، އެހެން ނޫންތޯ އެވެ؟ އިންޓަނެޓު ހާވައި ބަލާ ކޮންމެ މީހަކަށް ވެސް ވާނީ މި ފޮޓޯގަނޑު އެތައް ފަހަރަކު ފެނިފަ އެވެ.

މިއީ އެމެރިކާގެ މަޝްހޫރު ފޮޓޯގްރާފާ، ސްޓީވް މެކްކަރީގެ 1984 އަހަރުގެ ޑިސެމްބަރު މަހު، އަފްޣާނިސްތާން-ޕާކިސްތާންގެ ބޯޑަރު ސަރަހައްދުގެ ރެފިއުޖީ ކޭމްޕެއް ކަމަށްވާ ނާސިރު ބާގް ރެފިއުޖީ ކޭމްޕުގައި ނަގާފައިވާ ފޮޓޯއެކެވެ. އޭރު އަދި ޑިޖިޓަލް ކެމެރާތައް ތައާރަފެއް ވެސް ނުވެ އެވެ.

ފޮޓޯ އިން އެ ފެންނަ އަންހެން ކުއްޖާ އަކީ ޝަރުބަތު ގުލާ ނަމަކަށް ކިޔާ އަފްޣާނިސްތާނުގެ ޔަތީމު އަންހެން ކުއްޖެކެވެ. ނެޝެނަލް ޖިއޮގްރެފިކް މެގަޒިންގެ ބޭރު ގަނޑުގައި އެ އަހަރު މި ފޮޓޯ ޖެހުމާ އެކު ދުނިޔެ އަށް މި އަންހެން ކުއްޖާ މަޝްހޫރުވީ "އަފްޣާން ގާލް" ގެ ގޮތުގަ އެވެ.

ޝަރުބަތުގެ މި ހިތްގައިމު ފޮޓޯގަނޑު މެކްކަރީގެ ފިލްމު ކެމެރާއިން ނެގިއިރު ޝަރުބަތަށް އެންމެ 12 އަހަރެވެ. މިހާރު ޝަރުބަތަށް 40 ކޮންމެވެސް އަހަރެކެވެ. ދިރިއުޅެމުން ދަނީ ޕާކިސްތާނުގަ އެވެ.

މި އަހަރުގެ ކުރީކޮޅު އޭނާގެ ވާހަކައެއް ފަލަ ސުރުހީ އަށް ވެސް އެރި އެވެ. އައިޑީ ކާޑުތަކެއް އޮޅުވާލައިގެން އުޅުނު މައްސަލައެއްގަ އެވެ.

"އަހަރެން އޭނާގެ ފޮޓޯ ނެގިއިރު ވަރަށް ގިނަ މީހުން އެތަނުގައި ތިބި. ވައި ވަރަށް ގަދަ. ވެލި ވެސް ބުރާ. އެއީ އަދި ޑިޖިޓަލް ކެމެރާގެ ޒަމާނެއް ވެސް ނޫން. އެހެންވީމަ ފިލްމު ކެމެރާއަކުން އެކަހަލަ ތަނެއްގައި ނަގާ ފޮޓޯއަކަށް ވާނެ ގޮތެއް ނޭނގޭނެ،" ތާރީޚީ ފޮޓޯ ނެގި ދުވަހުގެ ވާހަކަ ސީއެންއެން އަށް ކިޔައި ދެމުން އުމުރުން 64 އަހަރުގެ މެކްކަރީ ބުންޏެވެ.

"އެކަމަކު އެ ފޮޓޯގަނޑު ސާފުކުރުމުން އެނގިއްޖެ އެއީ ހާއްސަ ފޮޓޯގަނޑެއްކަން. ދެން އަހަރެން އެ ފޮޓޯ ދެއްކި ނެޝެނަލް ޖިއޮގްރެފިކްގެ އެޑިޓަރަށް. ދެން އޭނާ ހަޅޭލައްވައިގަތީ މިއީ ކަވަރުގައި ދެން ޖަހާނެ ފޮޓޯއޭ ކިޔާފައި."

"އަފްޣާން ގާލް" ގެ މި ކަވަރު ވެގެން ދިޔައީ ނެޝެނަލް ޖިއޮގްރެފިކްގެ އެންމެ މަޝްހޫރު ކަވަރަށެވެ.

އިޓަލީގައި ފޮޓޯތައް ދައްކާލުމުގެ މައުރަޒެއް އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމަ އަށް ކުރިއަށް ގެންދާ މެކްކަރީ ބުނަނީ މި ހާއްސަ ފޮޓޯގަނޑާ މެދު އޭނާ އެންމެ ފަހުރުވެރިވަނީ އޭގެ ސަބަބުން އެތައް ބަޔަކު ރެފިއުޖީ ކޭމްޕްތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭން ގޮސްފައިވާތީ ކަމަށެވެ.

"މި ފޮޓޯގަނޑުގެ ސަބަބުން މީހުން އެބަތިބި ހިލޭސާބަހަށް ރެފިއުޖީ ކޭމްޕްތަކުގައި މަސައްކަތްކޮށްދޭން ގޮސްފައި. މިއީ އަފްޣާނިސްތާނުގެ މީހުން ވަކިން ހާއްސަކޮށް ފަހުރުވެރިވާ ފޮޓޯގަނޑެއް،" މެކްކަރީ ބުންޏެވެ.

މި ފޮޓޯގްރާފަރު ހުރީ އޭނާގެ 40 އަހަރުގެ ދިގު ކެރިއަރު ނިންމާލުމުގެ ވިސްނުމެއްގައެއް ވެސް ނޫނެވެ.

"އަހަރެން ދާން ބޭނުންވާ ވަރަށް ގިނަ ތަންތަން އަދިވެސް އެބަހުރި. އީރާން، މަޑަގަސްކަރު، މޮންގޯލިއާ އަދި ރަޝިއާ ފަދަ ގައުމުތައް."